18 Dec 2017, 16:11
ނަރުސްކަން ކިޔަވާ އިތުރު 103 ދަރިވަރަކު އަމަލީ ތަމްރީނަށް މާދަމާ އަދި މި މަހު 21ގައި އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 500 ނަރުހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ދަށުން މާދަމާ އާއި މި މަހުގެ 21 ވަނަ ދުވަހު އެ ކުދިން ޓްރިވެންޑްރަމަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާއިލާ އާ ދުރުގައި ތިބެގެން ތަމްރީން ހާސިލް ކުރަމުންދާއިރު ތަފާތު ކަންތައްތައް ދިމާވާނެ ކަމަށާއި އުނދަގޫ ކަންތައްތައް ދިމާވި ކަމުގައިވީ ނަމަވެސް ހިއްވަރާއި ކެތްތެރިކަމާ އެކީ ކޮންމެ ކުއްޖެއް ވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ.
"ކޮންމެ ކުއްޖަކު ވެސް ވާނެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެވޭތޯ ބަލަން. ދާދި ފަހުން ތަމްރީނު ނިންމުމަށް ފަހު 74 ދަރިވަރަކު އައިއްސި. އެ ކުދިން ވެސް ދައްކުވައިދިނީ ނަމޫނާ އެއް. މި ކުދިން ވެސް ޖެހޭނެ ނަމޫނާ ބަޔަކަށް ވާން،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
ޑިޕްލޮމާ އިން ނާސިންގް ކޯސް ފެށިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ހޮސްޕިޓަލްގައި މަސައްކަތްކުރާނެ ދިވެހިން ޒުވާން ނަރުހުން ނެތުން ކަމަށާއި ނަމަވެސް މި ފަދަ ފުރުސަތުތައް ފަހިވެގެން ދިޔުމުން އެ ކަމަށް ވެސް ހައްލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކިޔަވަން ބޭރަށް ދާ ކޮންމެ ކުއްޖެއްގެ ވެސް އަޒުމަކަށް ވާންޖެހޭނީ ރާއްޖެ އަށާއި އަމިއްލަ ނަފްސަށް ރީތި ނަމެއް ހޯދައި ދިނުން ކަމަށެވެ.
އެ ކުދިން ތަމްރީން ކުރާނީ ޓްރިވެންޑްރަމްގައި ހުންނަ އެސްޔޫޓީ ހޮސްޕިޓަލްގަ އެވެ.
އެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސަނަދެވެ.
ޑިޕްލޮމާ އިން ނާސިންގް ކޯހަކީ ގައުމީ ޔުނިވާސިޓީ އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް އޮތޯރިޓީ)އާ ގުޅިގެން ކުރިއަށް ގެންދާ އެ ކޯހަކީ އޮންލައިންކޮށް ކިޔެވޭ އަދި ހިލޭ ކިޔެވޭ ކޯހެކެވެ.
ދެ މަސް ދުވަހުގެ އަމަލީ ތަމްރީން ނިންމުމަށް ފަހު ޓްރިވެންޑްރަމަށް ދިޔަ 74 ދަރިވަރަކު ވަނީ މިދިޔަ ހުކުރުގައި މާލެ އައިސްފަ އެވެ.