18 Dec 2017, 14:20
ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް މިއަދު ސަން އަށް ވިދާޅުވީ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ ރޭ 12:00 އާއި ހެނދުނު ހަޔަކާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ތިޖޫރީ ވަގަށް ނެގި އިރު 38740 ރުފިޔާ ހުންނާނެ ކަމަށް އިންޖީނުގެ އާ ހަވާލާދީ ނިޝާމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށާއި ތިޖޫރީ މިހާރު ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތިޖޫރީ ފެނުނު އިރު އެއްވެސް ފައިސާއެއް ނެތް ކަމަށް ނިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮޅަދޫ އިންޖީނުގޭގައި ސެކިއުރިޓީ ގާޑުން ނުތިބޭ ކަމަށާއި ނަމަވެސް 24 ގަޑިއިރު އިންޖީނުގޭގައި ޑިއުޓީ ކުރާ ކަމަށެވެ.
"ލަފާ ކުރެވެނީ ކޮންޓްރޯލް ރޫމްގައި މުވައްޒަފަކު ނެތް ގަޑިއެއް ބަލާފައި ތިޖޫރީ ގެންދިޔައީ ކަމަށް." ނިޝާމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.