09 Aug 2011, 23:10
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިރޭ ސީޝެލްސް އަތުން 5-1 އިން ބަލިވެ ރާއްޖެ މުބާރާތުން އަލްވަދާޢު ކިޔައިފި އެވެ.
ރާއްޖެ ގަޑިން މިރޭ 7:00 ޖެހިއިރު ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ސީޝެލްސް އިން ނެވެ. އެގޮތުން މެޗްގެ 16 ވަނަ މިނެޓުގައި ރާއްޖެ ކޮޅަށް ސީޝެލްސް އިން ލަނޑުޖަހައި މެޗްގެ ލީޑް ނެގި އިރު، އޭގެ ނުވަ މިނެޓު ފަހުން އަނެއް ކާވެސް ސީޝެލްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑް ފުޅާކޮށްފަ އެވެ.
ބޯވާރޭގައި ކުޅުނު މި މެޗުގައި ރާއްޖެ އިން ސީޝެލް ކޮޅަށް ޖެހި ހަމަ އެކަނި ލަނޑު 27 މިނިޓްގައި ކާމިޔާބުކޮށްދިނީ ސަންވީލް ގާސިމް [ބޮންޑާ] އެވެ.
ނަމަވެސް ފުރަތަމަ ހާފެކޭ އެއްފަދައިން މެޗްގެ ދެ ވަނަ ހާފުގައި ވެސް މޮޅަށް ކުޅެމުންއައި ސީޝެލްސް އިން އިތުރު ތިން ލަނޑު ޖަހައި ރާއްޖެ ލަދުގަންނަވާލި އެވެ.
މިރޭގެ މެޗުން ސީޝެލްސް މޮޅުވެ، ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ޓީމެއްގެ ގޮތުގައި އެޓީމް ވަނީ ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ.
މީގެއިތުރުން މިގްރޫޕްގައި މިއަދު ކުޅުނު ދެ ވަނަ މެޗް ކާމިޔާބު ކުރީ މޮރިޝަސް އެވެ. ކޮމޮރޯސްއާ ވާދަކޮށް މިމެޗް މޮރިޝަސް އިން ކާމިޔާބު ކުރީ 2-0 ލަނޑުން ނެވެ. މެޗުން މޮޅުވެ، ހަތަރު ޕޮއިންޓާ އެކު ދެ ވަނަ ޓީމެއްގެ ގޮތުގައި މޮރިޝަސް ވެސް ވަނީ ސެމީއިން ޖާގައެއް ކަށަވަރު ކޮށްފަ އެވެ.
ދެ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ގްރޫޕްގެ ތިން ވަނަ ކޮމޮރޯސްއަށް ލިބުނު އިރު، ދެ ޕޮއިންޓާ އެކު ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗްގެ ތެރއިން ފުރަތަމަ ދެމެޗުން ވަނީ އެއް ވަރު ވެފަ އެވެ. އެއީ މޮރިޝަސް އާއި ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗް ތަކެވެ.
ސެމީގައި ސީޝެލްސް އާއި ރީޔޫނިއަން ވާދަކުރާއިރު މޮރިޝަސް ކުޅޭނީ މެޔޯޓާ އެވެ.