ކުޅިވަރާއި ކަސްރަތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން "މައިލްސް ފޯ ސްމައިލްސް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 24 ގަޑިއިރުގެ ފަންޑް ރެއިސިން ދުވުން ފަސްކޮށްފިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތުދިން ގޮތުގައި، އެ ދުވުން ފަސްކޮށްފައިވަނީ ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ.

މިހާރު އެ ދުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން އަންނަމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ. ކުރިން އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

އެ ހަރަކާތުގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު އެކަޑަމީތަކާއި އެންޖީއޯތައް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އެ ހަރަކާތުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖުންނާއި އެ ކޯޕަރޭޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ 11 ޖަނަވަރީ 2018 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމޖެހިފައިވަނީ މީހަކަށް 60 ރުފިޔާ އަދި ކުޑަކުއްޖަކަށް 20 ރުފިޔާއެވެ.

އެ ދުވުމުގެ މަގްސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މުޖުތަމައުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަމަހަމަކަމާއެކު ހޯދާދެވިފައި ނުވާ ފަރާތްތައް ޝާމިލް ވާނެގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.