18 Dec 2017, 12:57
އަންނަ އަހަރު އަންނަ އެންމެ ރީތީ އެއް ތާރީޚު ކަމަށްވާ، 18/08/18 (އޮގަސްޓް މަހުގެ 18 ވަނަ ދުވަސް)ގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
އަންނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަކާ އެވެ. ހޮނިހިރު ދުވަހަކީ ކައިވެނި ރަޖިސްޓްރީ ކޮށްދޭނެ ދުވަހެއް ނޫން ކަމަށް ފެމެލީ ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ 18/08/18ގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ގިނަ ބަޔަކު ކޮށްއުޅޭ ކަމަކަށްވާ އިރު ކައިވެނިކޮށް ނުދޭ ދުވަހަކާއި ރީތި ތާރީޚެއް ދިމާވެއްޖެ ނަމަ އެ ތާރީޚުގައި ކައިވެނި ކޮށްދިނުމަކީ މީގެ ކުރިން ވެސް ފެމެލީ ކޯޓުން އަމަކު ކުރަމުން އައި އުސޫލެވެ.
އަންނަ އަހަރުގެ ހޮނިހިރު ދުވަސްތަކުގެ އިތުރުން އަންނަ ރަމަޝާން މަހުގެ ފުރަތަމަ ދެދުވަހާއި ފިތުރު އީދުގެ ހަތަރު ދުވަހުގެ އިތުރުން އަޟްހާ އީދުގެ ހަތަރު ދުވަހުގައި ވެސް ކައިވެނިކޮށް ނުދޭނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
ރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭނެ ވަގުތުތަކަކީ ހެނދުނު 9:30 އިން 11:30 އަށް އަދި މެންދުރު ފަހު 1:30 އިން 2:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނި ކުރާ ނަމަ ކައިވެންޏެއް ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ކައިވެނި ކޮށްދޭ ގަޑިއަކީ ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.