18 Dec 2017, 11:32
ޓްރިޕޮލީ(ޑިސެމްބަރު 18): ލީބިޔާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ވާދަކުރައްވާނެ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
ގައްޒާފީ އާއިލާގެ ތަރުޖަމާނު ބާސިމް އަލް ހާޝިމީ ވިދާޅުވި ގޮތުގައި ސައިފުލް އިސްލާމަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ލީބިޔާގައި އެބަތިއްބެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ގައުމަށް ސަލާމަތާއީ ހަމަޖެހުން ގެންނަވަން ކަމަށް ހާޝިމީ ވިދާޅުވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ސައިފުލް އިސްލާމް ހުންނެވީ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަބޫ ބަކުރު އައްސިއްދީގް ބެޓާލިއަންގެ ހައްޔަރުގައެވެ. އެޖަމާއަތުން އޭނާ ދޫކޮށްލީ މިއަހަރުގެ ޖޫން މަހުގައެވެ.
އޭގެ ކުރިން 2015 ވަނަ އަހަރު ލީބިޔާގެ ހުޅަނގުގައި އޮންނަ އދ. އިން ތާއިދު ކުރާ ގަވަމެންޓް އޮފް ނެޝަނަލް އެކޯޑުގެ ކޯޓަކުން ވަނީ ސައިފްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމްކޮށްފައެވެ. އަދި އިންސާނިއްޔަތާ ޚިލާފަށް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ވަނީ ސައިފު ހޯދުމަށް އަމުރުކޮށްފައެވެ. (އިޖިޕްޓްޓުޑޭ)