ހއ. އިހަވަންދޫން 80 އަށް ވުރެ ގިނަ މީހުން ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ކުރި ޓުވީޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރާއި ގިނަ އަދަދެއްގެ އެކްޓިވިސްޓުންތަކެއް ޕީޕީއެމްއާ ގުޅިފައިވާ ކަމަށާއި އެއީ އެ މީހުންނަށް އިހުތިރާމް ނުކުރި އެމްޑީޕީ ކައުންސިލަރުންނަށް ދިން ރައްދެއް ކަމަށެވެ.

އެ ރަށުން އެކަނި ވެސް މިހާ ގިނަ އަދަދެއްގެ ރައްޔިތުން ޕީޕީއެމް އަށް ސޮއިކުރީ މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ބޭއްވި ހަރަކާތްތަކުގައި އެ ރަށު ކައުންސިލާއި ރަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާ ހިޔާލު ތަފާތުވެފައި ވަނިކޮށެވެ.

މީގެ އިތުރުން މީގެ ދެ ހަފްތާ ކުރިން ޕީޕީއެމް އިން ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 2696 މީހުން ޕީޕީއެމް އާ ގުޅިފަ އެވެ.