09 Aug 2011, 22:33
ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އިއާދަ ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވި، ވިދާޅުވުމަކީ ޤާނޫނީ ހުކުމެއް ތަންފީޒް ކުރެއްވުމަށް އިންކާރު ކުރެއްވުން ކަމަށް ސިވިލްސާވަންޓް އެސޯސިއޭޝަނުން ބުނެފި އެވެ.
ސިވިލްސާވަންޓް އެސޯސިއޭޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ، ހަރަދުކުޑަ ކުރެވޭނެ ގޮތެއް ނެތި، އޮތް ހަމައެކަނި ގޮތަކީ ޓެކްސް ނެގުން ކަމަށްވާތީ، ޓެކްސް ނެގުމުން ދައުލަތުގެ އަރަނި އެތައް ބިލިއަނަކުން އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި ދުވަހުން ފެށިގެން އެ އެސޯސިއޭޝަނުން އުންމީދު ކުރަމުން އައީ ސިވިލް ސާވިސްގެ ޤާނޫނާއި ޙިލާފަށް އުނިކޮށްފައިވާ ސިވިލްސާވަންޓުންގެ 420 މިލިޔަން ރުފިޔާގެ މުސާރަ މާލަސްތަކެއްނުވެ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމަށެވެ.
ނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ސިވިލްސާވިސްގެ ގާނޫނާއި ޙިލާފަށް ސިވިލްސާވަންޓުންގެ މުސާރަ އާއި ޢިނާޔަތުން އުނިކޮށްފައިވާ ފައިސާއަށް އިޝާރަތް ކުރައްވަމުން އެބައި ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ޤާނޫނީ ހުކުމެއް ތަންފީޒް ކުރެއްވުމަށް އިންކާރު ކުރެއްވުން ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށް އެބަޔާނުގައިވެ އެވެ.
އެ އެސޯސިއެޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޓެކްސް ނަގަންފެށުމާ އެކު ދެ ބިލިއަނަށް ވުރެ ބޮޑު އަދަދަކުން ދިވެހި ދައުލަތުގެ މާލިއްޔަތު އަރަނިވާނެކަމުގެ ޚަބަރު ދިނުމަށް ފަހު ސިވިލްސާވަންޓުންނަށް ދޭން ޖެހޭ 420 މިލިޔަން ރުފިޔާ ދިނުމުން ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލި، ގައުމުގެ އިގްތިސާދު ފުނޑުފުނޑު ވެދާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި ވާތީ ޓެކްސް އިން ދައުލަތަށް ލިބޭ އާމްދަނީ އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވިދާނެ ކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
އަދި ބޭންކުތަކުގެ ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ ކަޅުބާޒާރު އުފެދި އެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާޔަށް އުފުލި، ފައިސާގެ އަގުދައްވެ، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތަށް އެއްވެސް ހައްދެއްނެތި އެއްދުވަހުން އަނެއްދުވަހަށް އުފުލެމުން ދާއިރު ފެންނަން އޮތް ހަގީގަތަކީ، ރާއްޖޭއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިސާދީ ގިލަންވެރިކަމާއި، ސިވިލް ސާރވަންޓުންނަށް ދިވެހި ސަރުކާރުން ކުރައްވާ ހޭދަ އާއި ސީދާ ގުޅުވޭނެ ގޮތެއް ނެތްކަން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ފައިސާގެ އަގު ދައްވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި މިވަނީ ސިވިލްސާވަންޓުންގެ މުސާރަ އާއި ޢިނާޔަތްތަށް އުނިކުރެވި ތަފާތު ގޮތްގޮތުން ސިވިލްސާވަންޓުންގެ ތެރެއިން ދިހަ ހާހައްވުރެ ގިނަ ވަޒީފާ މަދުކުރެވިފައިވާ ދުވަސްވަރެއްގައި ކަމަށް އެ އެސޯސިއޭޝަނުން ފާހަގަ ކުރެ އެވެ.