23 May 2010, 10:45
14:30
ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށް ވޭތުވެދިޔަ 45 އަހަރުތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން އިޓަލީގެ އިންޓަމިލާން ހޯދައިފި އެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑުގެ ސެންޓިއާގޯ ބާނެބާއު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބަޔާންގެ މައްޗަށް އިންޓަމިލާން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އިންޓައިން ކާމިޔާބުކުރި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ އާޖެންޓީނާގެ ތަރި ޑިއޭގޯ މިލީޓޯ އެވެ.
އިންޓަ މިމެޗު ކާމިޔާބުކޮށް ޗެމްޕިއަންސްލީގުގެ ތަށި އުފުލާލުމާއެކު އެޓީމް ވެފައިވަނީ އެއްސީޒަނެއްގައި ތިން ތަށި ގެންދިޔަ އިޓަލީގެ ފުރަތަމަ ޓީމަށެވެ. އެޓީމު ވަނީ މިސީޒަންގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
މިމެޗަށް ފަހު ވާހަކަދައްކަމުން އިންޓަގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ އިންޓަ އާއެކު ހާސިލްކުރަން ބޭނުންވީ ކަންތައް ހާސިލްވެއްޖެ ކަމަށާއި މިސީޒަނަށް ފަހު އެކްލަބުގައި މަޑުނުކުރާނެ ކަމަށެވެ. އަދި ސްޕެއިންގެ ވަރުގަދަ ބާރެއް ކަމަށްވާ ރެއާލް މެޑްރިޑާ ހަވާލުވާން އުޅޭ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ކޮށްފަ އެވެ.
އިންޓައަށް ޗެމްޕިއަންސްލީގު ކާމިޔާބުކޮށްދިނުމާ އެކު މޮރީނިއޯ ވެފައިވަނީ ދެކްލަބެއްގައި ހުރެގެން ޗެމްޕިއަންސްލީގު ކާމިޔާބު ކުރި ދެވަނަ ކޯޗަށެވެ. މީގެ ކުރިން އޭނާ ވަނީ 2004 ވަނަ އަހަރު ޕޯޗުގަލްގެ އެފްސީ ޕޯޓޯއަށް ވެސް ޗެމްޕިއަންސްލީގުގެ ތަށި ހޯދައިދީފަ އެވެ.