18 Dec 2017, 10:00
ޤާހިރާ (18 ޑިސެމްބަރު) ގުދުސް އަކީ އިސްރާއިލުގެެ ވެރިރަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އަރަބި ލީގުގެ ގައުމުތަކުގެ ވަޒީރުން ހިމެނޭ ގޮތަށް ވަފުދެއް އެކުލަވާލައިފި އެވެ.
އުދުރުންގެ ރަސްގެފާނުގެ ހާއްސަ އިސްނެންގެވުމުގެ މަތިން އެކުލަވާލި މި ވަފުދުން މަސައްކަތް ކުރައްވާނީ އެމެރިކާގެ ނިންމެވުމަކީ ކިހާ ނުރައްކާތެރި ނިންމުމެއްކަން ހާމަކޮށްދެއްވުމަށެވެ. ޑިޕްލޮމެޓުންނަށާއި މީޑިއާ އަށް މި ނިންމުމުގެ ނުރައްކާތެރިކަން ހާމަކޮށްދެއްވުމަށް އަރަބި ލީގުގެ ވަފުދުން މަސައްކަތް ކުރައްވާނެ އެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު މުހައްމަދު އަފީފީ އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މި ވަފުދުގެ ފުތަރަމަ ބައްދަލުވުން އަންނަ ހަފްތާގެ ތެރޭ އުރުދުންގެ ވެރިރަށް އަންމާނުގައި އޮންނާނެ އެވެ.
ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އުރުދުން، ފަލަސްތީން، ސައޫދީ އަރަބިއާ، މިސްރު، މޮރޮކޯ އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުންނާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އެވެ.
ގުދުސް އަކީ އިސްރާއިލުގެެ ވެރިރަށް ކަމަށް އެމެރިކާއިން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި މިސްރުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމައި ވޯޓަށް އެހުން އދ.ގެ ސަލާމަތީ މަޖިލީހުގައި މާދަމާ އޮންނާނެ އެވެ.
އިސްރާއިލުގެ ވެރިރަށަކީ ގުދުސްކަމަށް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވީ މިމަހުގެ ހަވަނަ ދުވަހު އެވެ. ޓްރަމްޕްގެ ނިންމުމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.