ދެކުނާއި މެދުރާއްޖެ ތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ވަނީ ތ. އަތޮޅާއި ހުވަދު އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މެޓުން ބުނީ އެ ސަރަހައްދުތަކުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެ އެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި ވިލާ ގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެ އެވެ.