ބޮލީވުޑްގެ ކާމިޔާބު ބަތަލު އަކްޝޭ ކުމާރަކީ އެފަދަ ދެވަނައެއް ނެތް ފަދަ ހީރޯ އެއްކަމަށް 'ޕެޑްމޭން' ފިލްމްގެ ކުޅަދާނަ ޑައިރެކްޓަރު އާރް ބަލްކީ ބުނެފިއެވެ.

'ހިންދުސްތާން ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި ބަލްކީ ބުނީ އޭނާ ފިލްމުގައި ދައްކުވައިދިނީ ވަރަށްވެސް ފުރިހަމަ ރޯލެއްކަމަށާއި އެ ރޯލު އެހެން ތަރިއަކަށް ދިން ކަމުގައިވީނަމަވެސް އެ ރޯލު އެހާ ފުރިހަމައަށް ނުކުޅެވުނީސް ކަމަށެވެ.

"އަކްޝޭ އަކީ ވަރަށް ކަންކަމަށް ފަރުވާތެރިވެގެން މަސައްކަތް ކުރާ ފަންނާނެއް. ކުރާ ކޮންމެ ކަމެއްވެސް ފުރިހަމަ ގޮތުގައި ކުރަން މަސައްކަތް ކުރާ ބަތަލެއް. އެއީ ހަމަ ހީރޯ އެއް،" އޭނާ ބުންޏެވެ.

'ޕެޑްމޭން' އަކީ އިންޑިޔާގެ ރަށްފުށުގެ ހިސާބުގައި މައްސަރުގެ ކަންތައް ޖެހުމުން އަންހެނުންނާ ދޭތެރޭ ކަންތައްކުރާ ދަށު ދަރަޖައިގެ ނިކަމެތި ގޮތްތައް ދައްކުވައިދޭ ފިލްމެކެވެ.

'ޕެޑްމޭން' ފިލްމުން 'ރިއަލް ސުޕަރ ހީރޯ' އަކީ ކޮބައިކަން އެ ފިލްމުން ދައްކުވައިދޭ އިރު ފިލްމުގައި ހަރަކާތްތެރިވާނެ ލީޑު ތަރިންނަކީ އަކްޝޭ ކުމާރު، ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ.

ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.