18 Dec 2017, 09:04
ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން ހައްޔަރުކޮށްފައިވާ ސައުދީ ޕްރިންސް ވަލީދު ބިން ތަލާލްގެ މިލްކިއްޔާތުން ބައެއް ސައުދީ ސަރުކާރަށް ދިނުމަށްފަހު މިނިވަން ވާން އޭނާ ދެކޮޅު ހައްދަވައިފިއެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނީ މީގެ ކުރިންވެސް އެފަދަ ހުށަހެޅުންތައް އަލް ވަލީދަށް ލިބުނު ކަމަށާ އޭނާ އެކަމާ ދެކޮޅު ހައްދަވާ ކަމަށެވެ.
އަލްވަލީދުގެ މައްޗަށް ކޮރަޕްޝަނުގެ އިތުރުން މަނީ ލޯންޑްރިންގެ ތުހުމަތާއި ނުފޫޒު ފޯރުވުން އަދި ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސައުދީގައި 200 މީހުން ވަނީ މިދިޔަ މަހުގެ ތެރޭ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭ ޝާހީ އާއިލާގެ ބޭފުޅުންނާ ކުރީގެ ވަޒީރުންނާ ބޮޑެތި ވިޔަފާރިވެރިންވެސް ހިމެނެއެވެ.
ޕްރިންސް ވަލީދު ބިން ތަލާލްގެ މިލްކިއްޔާތުން ބައެއް ސައުދީ ސަރުކާރަށް ދިނުމަށްފަހު މިނިވަން ވުމަށް އޭނާއަށް ހުށަހެޅުން ލިބެމުންދާއިރު ލީދު ބަންދުގައި ހުންނެވުމުން އޭނާގެ އެންމެ ބޮޑު ކުންފުނި ކިންގްޑަމް ހޯލްޑިންގް ކޮމްޕެނީ (ކޭއެޗްސީ)އަށް ބިލިޔަނުން ގެއްލުން ވަމުން ދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޮރަޕްޝަނުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ސައުދީ ބައެއް ޕްރިންސުން ވަނީ ފައިސާގެ ބޮޑެތި އަދަދަތަކުން ލާރި ދެއްކުމުން ދޫކޮށްލައިފައެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ އަތުން 800 ބިލިއަން ޑޮލަރު ސައުދީގެ ސަރުކާރަށް ނަގާނެ ކަމަށް ބައެއް މުރާސިލުން ބުނެ އެވެ. ނަަމަވެސް ގިނަ މުރާސިލުން ބުނާ ގޮތުގައި ސައުދީއަށް އެންމެ ގިނައިން ނެގޭނީ 100 ބިލިއަން ޑޮލަރު އަދަދެކެވެ. މިއީ ސައުދީގެ ދަރަންޏާ އެއްވަރުގެ އަދަދެކެވެ.