ސައުދީ އަރަބިއާއިން ހައްޔަރު ކުރި ފަލަސްތީނުގެ ބިލިޔަނަރު ސަބީހް އަލް މަސްރީ ދޫކޮށްލައިފިއެވެ.

ސަބީހް އަލް މަސްރީ ހައްޔަރު ކުރީ "ކޮރަޕްޝަނުގެ މައްސަލައަކާ ބެހޭ ގޮތުން ސުވާލުކުރުމަށް" ކަމަށް ހަބަރުތައް ބުނެއެވެ.

އަލް މަސްރީ ދޫކޮށްލި ކަމަށްބުނެ އާރްޓީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ހުރި އިރުވެސް އެނާ އާމެދު އަމަލުކޮށްފައިވަނީ އިހްތިރާމާއެކުއެވެ. ހައްޔަރު ކުރުމަށްފަހު ސުވާލުކުރީ ވިޔަފާރީގެ މުއާމަލާތްތަކާ މެދުގައި ކަމަށްވެސް އަލް މަސްރީ އާ ހަވާލާދީ އާރްޓީގައި ވެއެވެ.

އަލްް މަސްރީއަކީ ސައުދީއާއި އުރުދުންގެ ރަށްވެހިކަންވެސް އޮންނަ މީހެކެވެ. އާންމުކޮށް ދިރިއުޅެނީ އުރުދުންގައެވެ. ސައުދީއަށް އޭނާ ދިޔައީ ވިޔަފާރީގެ މަސައްކަތެއްގައި ކަމަށާއި ނުނިމި ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ވަރަށް އަވަހަށް އުރުުދުންއަށް ދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަލް މަސްރީ އަކީ ފަލަސްތީނުގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، މުނީބު އަލް މަސްރީގެ އާއިލާގެ މެމްބަރެކެވެ. އަދި އުރުދުންގައި ހުންނަ އަރަބި ބޭންކަކީ އެގައުމުގެ ސަރުކާރަށް އެންމެ ގިނައިން ލޯނުދޭ ބޭންކެވެ. އެހެންކަމުން މަސްރީ ހައްޔަރު ކުރުން ވެގެން ދިޔައީ އޭނާގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އެތައް ހާސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔަ ކަމަކަށެވެ.

މިދިޔަ މަހުގެ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ އެގައުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދަވައި، އެކޮމިޝަނަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސް ކުރައްވާފައެވެ. އެކޮމިޝަނުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މިހާތަނަށް 11 ޕްރިންސުންނާއި ހަތަރު މިނިސްޓަރުންނާއި ކުރީގެ މިނިސްޓަރުން ހައްޔަރުކޮށްފައެވެ.