18 Dec 2017, 08:55
އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީޚު ކަމަށްވާ 18/8/18 ގައި ކައިވެނިކޮށްދޭނީ މަގްބޫލު އުޒުރެއް އޮތް ނަމަ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ އެކަން އެގޮތަށް ދިމާވީ އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް (ހޮނިހިރު) ދުވަސް ކަމުގައި ވާތީ ކަމަށާއި ނަމަވެސް މަޖުބޫރު ސަބަބެއް އޮވެގެން އެކަން ލިޔުމުން ހުށަހަޅައިފި ނަމަ އަދި އެ ސަބަބަކީ މަގްބޫލު އުޒުރެއް ކަމަށް ކޯޓުން ނިންމައިފިކަމަށް ވާނަމަ އެ ދުވަހު ކައިވެނިކޮށްދޭނެކަމަށެވެ.
އަންނަ އަހަރު ކައިވެނިކޮށް ނުދޭނެ ދުވަސްތައް ފެމިލީ ކޯޓުން މިހާރު ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު ހޮނިހިރު ދުވަސްތަކުގެ އިތުރުން އަންނަ ރަމަޝާން މަހުގެ ފުރަތަމަ ދެދުވަހާއި ފިތުރު އީދުގެ ހަތަރު ދުވަހުގެ އިތުރުން އަޟްހާ އީދުގެ ހަތަރު ދުވަހުގައި ވެސް ކައިވެނިކޮށް ނުދޭނެ ކަމަށް އެ އިއުލާންގައި ވެއެވެ.
ރަސްމީ ގަޑި ތަކުގައި ކައިވެނިކޮށްދޭނެ ވަގުތުތަކަކީ ހެނދުނު 9:30 އިން 11:30 އަށް އަދި މެންދުރު ފަހު 1:30 އިން 2:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނި ކުރާނަމަ ކޯޓުން އެ ކައިވެންޏެއް ކޮށްދޭނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ކައިވެނި ކޮށްދޭނެ ގަޑިއަކީ ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އާއިި ހަމައިގެ ނިޔަލަށް ކަމަށް އެ އިއުލާންގައި ވެއެވެ.