މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން ކަޅުބިލަމަސް އެކްސްޕޯޓުކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ކުންފުންޏަށް ފިޝަރީޒް މިނިސްޓްރީންދޭ ހަނދާނީ ފިލާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއަށް ލިބިއްޖެއެވެ.

ހއ.އިހަވަންދޫގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަނދާނީ ލިޔުމާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްނާން އަލީ އެވެ. މަސްވެރިކަމުގެ ދާއިރާގައި ތަފާތު ޚިދުމަތްތަކެއްކޮށްފައިވާ ކުންފުނިތަކާއި އާންމު ފަރުދުންނަށް ހަނދާނީ ފިލާ ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން ކަޅުބިލަމަސް އެކްސްޕޯޓުކޮށްގެން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން ހަނދާނީ ފިލާ ހޯދައިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިންނެވެ. މިފްކޯގެ ފަރާތުން ހަނދާނީ ފިލަޔާ ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމައިލްެއެވެ.

ކަޅުބިލަމަހުގެ އާމްދަނީގެ އިތުރުން ބޮޑުކަންނެލި އެކްސްޕޯޓް ކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަރާތްތަކަށްވެސް ރޭގެ ޖަލްސާގައިވަނީ ހަނދާނީ ފިލާ ދީފައެވެ. އެގޮތުން ބޮޑުކަންނެލި އެކްސްޕޯޓްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދައިފައިވަނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއިންނެވެ.