09 Aug 2011, 17:49
ދިއެފްއެމްއާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ބަޔާންތަކުގައި ސޮއި ކުރުމަށް އެ ސްޓޭޝަންގެ ނިއުސް އެޑިޓާ މުހަންމަދު ޖިނާހު އަލީ (ޖިނާ) 12 ގަޑިއިރުތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ނޯޓިސް ފޮނުވައިފި އެވެ.
ފުލުހުންގެ ގާނޫނުގެ 105ވަނަ މާއްދާގައި ބުނަނީ މީހަކު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވަން ވާނީ ހާޒިރުވާން އަންގާ ގަޑީގެ 24 ގަޑިއިރު ކުރިން ކަމަށެވެ.
ޖިނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ޑިޕާޓް މަންޓް އޮފް ޕަބްލިކް އެކްޒާމިނޭޝަން (ޑީޕީއީ) އާއި ގުޅޭގޮތުން މިދިޔަ އަހަރު ދިއެފްއެމްއިން ފޮނުވި ހަބަރަކާއި ގުޅޭ މައްސަލައިގެ ތަހުގީގަށް ޖީނާ ދީފައިވާ ބަޔާނުގައި ސޮޔެ ކުރުވުމަށެވެ.
ޖިނާ މިއަދު ވިދާޅުވީ އެ މައްސަލައިގެ ބަޔާންތަކުގައި ސޮއި ކުރުމަށް މިއަދު 11 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ފުލުހުން ޗިޓު ފޮނުވާފައިވަނީ ރޭ 10:40 ގައި ކަމަށާއި އެ ޗިޓު ހަވާލުކޮށްފައިވަނީވެސް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ ކަމަށެވެ.
"އަޅުގަނޑުގެ ގެޔަށް ސީދާ ޗިޓު އައިރުގައި ހަވާލުކޮށް ސޮޔެ ކުރުވާފައި އޮތީވެސް ކުޑަކުއްޖެއް ލައްވައި. އޭރުގޭގައި 18 އަހަރު ފުރުފައި ތިބި މީހުންވެސް ތިބި. އަނެއް ތަންކޮޅަކީ ފުލުހުންގެ ގާނޫނުގައި ބުނާ އަދި ކޮންމެ ފަރުދަކަށްވެސް ލިބިދޭ މިނިވަންކަމުން މަހުރޫމް ކޮށްފައިވުން. 24 ގަޑިއިރު ކުރިން ޗިޓް ފޮނުވަންޖެހޭނެ. އެކަމަކު އަޅުގަނޑަށް 12 ގަޑިއިރު ކުރިން ޗިޓު ފޮނުވީ،" ޖިނާ ވިދާޅުވި އެވެ.
ސައްވިސް ގަޑިއިރު ނުދީ ނޯޓިސް ފޮނުވުމުން ޖިނާ ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައުމުން މާފަށް އެދި މާދަން 1:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު 12:00 ޖަހާ އެހާކަށްހާއިރު ޗިޓު ފޮނުވާފައި ވާކަމަށެވެ.
"އަޅުގަނޑު ފަސީހުގެ ސަމާލުކަމަށް އެކަން ގެނައިން. އެހެންވެ މިހާރު އަޅުގަނޑަށް އެބައޮތް ޗިޓެއް ފޮނުވާފައި. އަޅުގަނޑު އަލުން ޗިޓު ފޮނުވީމައި ދާން ނިންމީ ފުލުހުންވެސް ގާނޫނީ އިމުގެ ތެރެއިން ކަންތައްތައް ކުރަން ޖެހޭތީ. ފުލުހުންވެސް އެބަޖެހޭ ގާނޫނަށް ގަވާއިދަށް ބޯލަބަން،" ޖިނާ ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުގެ ކުރިން ފުލުހުން ވަނީ އައު ޗިޓެއް ފޮނުވުމަށް ދެކޮޅުހަދާފައި ކަމަށް ޖިނާހު ވިދާޅުވި އެވެ.
"އެބޭފުޅުން އައު ޗިޓެއް ފޮނުވީ އަޅުގަނޑު އެ މައްސަލަ ކޮމިޝަނާގެ ސަމާލުކަމަށް ގެނައުމުން. އޭގެ ކުރިން އެބޭފުޅުން އަގަބަހުން ޗިޓް ބާތިލް ކޮށްލާފައި. އައު ޗިޓެއް ފޮނުވަން ދެކޮޅުހެދީ،" ޖިނާ ވިދާޅުވި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ ޝިޔާމް މިއަދު ވިދާޅުވީ އެތައް ފަހަރެއްގެ މަތިން ބަޔާނުގައި ސޮޔެ ކުރުމަށް ފޯނުގެ ޒަރިއްޔާއިންވެސް ދިމާނުވުމުން ޗިޓެއް ފޮނުވި ކަމަށާއި ޖިނާ ބޭނުންވާ އަދަދެއް ނެތުމުން އަލުން މިހާރު ޗިޓެއް ފޮނުވާފައި ވާކަމަށެވެ.