އިންޑިއާގެ ގުޖުރާތުގައި މިހާރު ކުރިއަށްދާ ގުޖުރާތުގެ ޖެނެރަލް އިލެކްޝަން އެސެމްބްލީގެ އިންތިހާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސަރުކާރާ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ރައީސް ރާހުލް ގާންީ ބޮޑު ކުރިމަތިލުމަކަށް ހިނގައްޖެއެވެ.

ގުޖުރާތުގައި މިހާރުވެސް ބީޖޭޕީން ވެރިކަން ކުރަމުންދާއިރު، އެ ސްޓޭޓްގެ ލީޑަރު ވިޖޭ ރޫޕާނީ ދަނީ ހަވަނަ ދައުރަކަށް އިންތިހާބުގައި ވާދަކުރަމުންނެވެ.

މުރާސިލުން ބުނާ ގޮތުގައި އެ އިންތިހާބަކީ މޯދީއާއި އަދި ރާހުލްއަށް ވެސް އެ ދެބޭފުޅުންގެ ސިޔާސީ މަޝްރަހު ކުރިއަށްއޮތް ތަނުގައި އޮތީ ކިހިނެއްތޯ އަންދާޒާ ކޮށްލުމަށް ލިބޭ ފުރުސަތެކެވެ.

ބީޖޭޕީގެ ފަރާތުން އިންތިހާބުގައި މޯދީ ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރެއްވިއިރު ރާހުލް ގާންދީ ވެސް ވަނީ ވަރަށް ބޮޑަށް ކެމްޕޭންކުރައްވައިފައެވެ. މިއީ ރާހުލް ކޮންގްރެސްގެ ރައީސްކަމަށް އައްޔަނުކުރެއްވި ފަހުން އޭނާއަށް ކުރިމަތިވާ ވަރަށް ބޮޑު އިމްތިހާނެކެވެ.

އިންތިހާބަށް ކޮންގްރެސް އިން ވަނީ އިންޑިއާގެ ހިންދޫންގެ ދަށް ފަންތީގެ މީހުންގެ ޕާޓީތަކާއި އަދި އެހެނިހެން ޕާޓީތަކާ ކޯލިޝަން ހަދައިފައެވެ.

އިންޑިއާގައި މޯދީ ގެންގުޅުއްވި ފައިސާތައް އުވާލުމާއި އަދި ޖީއެސްޓީގެ ސަބަބުން ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ނަގައި ބީޖޭޕީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ކޮންގްރެސް އިން ވަނީ ދީފައެވެ. ކޮންގްރެސް އިން ބުނީ ބީޖޭޕީން ގުޖުރާތުގެ މީހުންނަށް ދިމާވެފައިވާ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ވެސް ނުދޭ ކަމަށެވެ.

ގުޖުރާތުގެ އިންތިހާބުގެ ވޯޓު މާދަމާ ގުނުމަށް ހަމަޖެހިފައިވާއިރު ހިޔާލު ހޯދުންތަކުން ދައްކާގޮތުގައި އިންތިހާބު ކާމިޔާބު ކުރާނީ ބީޖޭޕީއިން ނެވެ.