09 Aug 2011, 17:55
މަޖިލީހުގެ ރުހުން ނުލިބިގެން ވަޒީރުކަމުގެ މަގާމުން ދުރުވި، ޑރ. އިބްރާހިމް ދީދީ )ޑީޑީ( ދެވަނަ ފަހަރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި ނަމަވެސް އެމަނިކުފާނަށް ރުހުން ނުދޭން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީން މިއަދު ނިންމައިފި އެވެ.
ޑީޑީގެ ރުހުން ދިނުމުގެ މައްސަލަ ކޮމެޓީގެ މަރުހަލާއިން މިއަދު ނިންމާފައި ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ކޮމެޓީގެ މިއަދު ނެގި ވޯޓްގައި ބައިވެރިވި 10 މެންބަރުންގެ ތެރެއިން ހަ މެންބަރުން ވޯޓް ދެއްވާފައި ވަނީ ޑީޑީއަށް ރުހުން ނުދިނުމަށެވެ. އަދި އެ ކޮމެޓީގައި ހިމެނޭ ސަރުކާރު ހިންގާ އެމްޑީޕީގެ ހަތަރު މެންބަރުން ވޯޓް ދެއްވާފައި ވަނީ ޑީޑީ އަށް ރުހުން ދިނުމަށެވެ.
ޑީޑީއަށް ރުހުން ނުދިނުމަށް ކޮމެޓީގެ އަގުލަބިއްޔަތުން ނިންމާފައި ވާއިރު، ޑިފެންސް މިނިސްޓަރުކަމަށް ރައީސް އައްޔަންކުރެއްވި ތަލްހަތު އިބްރާހިމަށް ރުހުން ދިނުމަށް ކޮމެޓީގެ ހަތް މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވެ އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ޑީޑީ އާއި ތަލްހަތުގެ ނަން ދިރާސާ ކުރި ގޮތުގެ ތަފްސީލް އެ ކޮމެޓީގެ މުގައްރިރު މުހައްމަދު މުޖުތާޒު އާއި ނައިބު މުގައްރިރު ރިޔާޒް ރަޝީދު ދެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެ ކޮމެޓީގެ މެންބަރު ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ޑީޑީއަށް ރުހުން ނުދިނުމަށް ނިންމީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ހުށަހެޅި ގޮތަށް މެންބަރުންގެ ތާއީދު ލިބުމުން ކަމަށެވެ. އަދި އަބްދުﷲ މައުސޫމް ހުށަހެޅުއްވީ ކުރިން ވެސް މަޖިލީހުން ރުހުން ނުދިނުމަށް ނިންމާފައިވާ އުސޫލުތަކަށް ބަރޯސާވެ، އެ ގޮތަށް މިފަހަރު ވެސް އަމަލް ކުރުމަށެވެ.
ޑީޑީއަށް ފިޝަރީޒް މިނިސްޓަރުކަން ދެވަނަ ފަހަރަށް ދެއްވުމުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ޑީޑީއަށް ރުހުން ނުދިނުމަށެވެ. އަދި ޒެޑް ފެކްޝަނުން ވެސް ޑީޑީއަށް ރުހުން ނުދިނުމަށް ނިންމާފައިވެ އެވެ.