09 Aug 2011, 16:46
ޅ. ކުރެއްދޫ ރިސޯޓްގައި އިނގިރޭސި ދެމަފިރިއަކު މަރުވި ހާދިސާގައި ވެހިކަލް ދުއްވަން އިނީ އެރިސޯޓް ހިންގާ ކުންފުނީގެ ޝެއާ ހޯލްޑަރެއްގެ ދަރިއެއް ކަމަށާއި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭނާ އަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އެ ހާދިސާގައި އެކްސިޑެންޓުވީ ކިންގް ކުއަޑް 700 ނަމަކަށް ކިޔާ ހަތަރު ފުރޮޅުލީ ވެހިކަލެއް ކަމަށާއި އެ ވެހިކަލް ދުއްވަން އިނީ ސްވީޑަންގެ އުމުރުން 23 އަހަރުގެ ފިލިޕް އިއުގެން ޕެޓްރެއަރ ކަމަށެވެ.
ކުރެއްދޫ ރިސޯޓުގައި ގެސްޓް ރިލޭޝަން އޮފިސަރ ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފިލިޕް އިއުގެން އަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ނުލިބޭ ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.
އެކްސިޑެންޓު ހިނގި ގޮތާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް ތަފްސީލުކޮށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން އެއެކްސިޑެންޓް ހިނގާފައިވަނީ ހަތަރު ފުރޮޅުލީ އެވެހިކަލުގައި ތިން މީހުން ދަތުރު ކުރަމުން ދަނިކޮށް މަގުގެ މެދުގައި ހުރި، ގަހެއްގައި ޖެހިގެން ކަމަށެވެ.
އަދި އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުމާއެކު އެކްސިޑެންޓްވި ސަރަޙައްދަށް އެރަށުގައި ހަރަކާތްތެރިވާ ޑޮކްޓަރު ގޮސް އަނިޔާވި ފަރާތްތަކަށް ފަރުވާދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކްސިޑެންޓްގައި އަނިޔާވި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިންގެ އެއްވެސް ހަރަކާތެއް އޭރު ނެތްކަމަށް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ސުވާލު ކުރަން ޖެހޭ ހުރިހާ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން އެ އެކްސިޑެންޓާ ގުޅޭ މައުލޫމާތު ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުރެއްދޫ ރިސޯޓުގައި ހިނގި އެ ހާދިސާގައި މަރުވި ޖޮނަތަން އަދި އެމާ ގްރޭގެ ހަށިގަނޑު ގައުމަށް ފޮނުވޭތޯ އިނގިރޭސި އެމްބަސީން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް، އަދި އެދަމަފިރިންގެ ހަށިގަނޑު އޮތީ މޯޗަރީގައި އެވެ.
ޖުލައި 30ގައި ކައިވެނިކޮށްގެން ހަނީ މޫނަށް ރާއްޖެ އައި އެދެމަފިރިން މަރުވިއިރު ހަ މަހުގެ ތުއްތު ކުއްޖަކު އެބަ ހުއްޓެވެ. އެމީހުންގެ މަރުގެ ހަބަރު ބޭރު މީޑިއާތަކުން ދަނީ ކަވަރުކުރަމުންނެވެ.