ސަރުކާރަށް ހުރިހާ ފީއަކާއި ފައިސާއެއް ދިވެހި ރުފިޔާއިން ބަލައިގަންނަ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިގޮތަށް ނިންމެވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހުގަ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ފައިސާއެއް، ދިވެހި ރުފިޔާއިން ބަލައިގަތުމަކީ، ދިވެހި ރުފިޔާގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމަށްޓަކައިވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ފައިސާއެއް، ދިވެހި ރުފިޔާއިން ބަލައިގަންނަން ފަށާނީ، ގާނޫނީ ގޮތުންނާއި، އިދާރީ ގޮތުން ހަމަޖައްސަން ހުރި ކަންތައްތައް ހަމަޖެއްސެވުމަށް ފަހުގަ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް މިއަދު ވިދާޅުވީ، ސަރުކާރަށް ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ އެއްވެސް ބޭރު ފައިސާއަކުން ދެން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ ދިވެހި ފައިސާ އަށް އޮތް ޑިމާންޑް އިތުރުކޮށް، ފައިސާގެ އަގުމަތިކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ނިންމުން ނިންމުމުގެ މައިގަނޑު އަސާސަކީ ސަރުކާރުން ދެކޭ ގޮތުގައި، އަޅުގަނޑުމެން އަބަދުވެސް ދައްކަމުންދާ އެއް ވާހަކަ ދިވެހި ފައިސާގެ އަގު ހިފަހައްޓަން ޖެހެއޭ. އެއީ ދިވެހި ފައިސާ އަށް އޮތް ޑިމާންޑް އިތުރުކުރުން. ދިވެހި ފައިސާ އަށް އޮތް ޑިމާންޑެއް އިތުރެއް ނުވާނެ ސަރުކާރުން ދިވެހި ފައިސާއަށް އަމަލުނުކުރާ ކަމަށްވަންޏާ. މާނައަކީ ސަރުކާރުގެ އެތެރޭގެ ޓްރާންސެކްޝަންތައް ދިވެހި ފައިސާއިން ނުކުރާ ކަމަށްވަންޏާ،" އިނާޒް ވިދާޅުވި އެވެ.

ގާނޫނުތަކުގައިވާ ގޮތުގެ މަތިން ސަރުކާރަށް ޑޮލަރުން ދައްކަން ޖެހޭ ފީއާއި ކުލީގެ ގޮތުގައި މިހާރު ލިބެމުން އަންނަ އާމްދަނީ މި ނިންމުމުގެ ސަބަބުން ނެތިގެން ދާނެ ނުންތޯ ސުވާލު ދެންނެވުމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަހަރަކު ބޭނުންވަނީ 100 މިލިއަނެއްހާ ޑޮލަރު ކަމަށާއި ބާކީ ޑޮލަރުތައް މަރުކަޒީ ބޭންކުން މާރުކުރުމަށްފަހު ހަރަދުކުރަނީ ރުފިޔާއިން ކަމަށެވެ. އެހެންކަމުން، ސަރުކާރަށް ސީދާ ޑޮލަރުން އާމްދަނީ ނުލިބުމަކީ މައްސަލައެއް ނޫން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި އެކި ފަރާތްތަކުން ދިވެހި ރުފިޔާއިން ސަރުކާރަށް ފައިސާ ދައްކަން ޖެހުމުން ރުފިޔާ އަށް އޮންނަ ޑިމާންޑް އިތުރުވެ، ޑޮލަރުގެ މައްސަލަ ހައްލުވެގެންދާނެ ކަމުގައި އިނާޒް ވިދާޅުވި އެވެ.

"ދިވެހި ފައިސާއިން ހުރިހާ މުއާމަލާތްތަކެއް ހިންގަން ޖެހުމުން އޭގެ މާނައަކީ އެ މުއާމަލާތްތައް ހިންގުމަށްޓަކައި ބޭރު ފައިސާއިން ފައިސާ ދައްކައި ފަރާތްތަކުން ވެސް ރުފިޔާ އަށް އޮންނަ ޑިމާންޑް އިތުރުވާނޭ. އޭގެ މާނައަކީ ސިސްޓަމްތެރެއަށް ޑޮލަރު ވަންނަން މަޖުބޫރުވާނޭ. ސަރުކާރުން މަހުން މަހަށް ބޭނުންވާ ޑޮލަރުކޮޅު ގަންނާނީ ބާޒާރުން." އިނާޒް ވިދާޅުވި އެވެ.

މި ނިންމުމާ ގުޅިގެން އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުުގެ މަސައްކަތް މިހާރު ފަށައިގެންފައިވާ ކަމަށާއި އެކަންތައް ނިމުނުހާ އަވަހަކަށް މި ނިންމުމަށް އަމަލުކުރަން ފަށާނެ ކަމުގައިވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޑޮލަރުން އަގު ކަނޑައަޅާފައިވާ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބު އޮފީހުން ފަށައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.