17 Dec 2017, 22:48
ސިޑްނީ (ޑިސެމްބަރު 17): އުތުރު ކޮރެއާގެ އިގުތިސާދީ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ދައުވާ އޮސްޓްރޭލިއާ މީހެއްގެ މައްޗަށްކޮށްފި ކަމަށެ އެގައުމުގެ ފުލުހުން ބުނެފި އެވެ.
އުމުރުން 59 އަހަރުގެ ޗަން ހަން ޗޮއިގެ މައްޗަށް ކޮށްފައި ވަނީ ކޯލް އާއި މިސައިލްގެ ބައިތައް ބައިނަލްއަގުވާމީ ކަޅު ބާޒާރުގައި ވިއްކަން މަސައްކަތް ކުރުމުގެ ދައުވާ އެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދިޔައީ އުތުރު ކޮރެއާއަށް ކަމަށާއި، އޭނާއާ އެގައުމުގެ އިސް އޮފިޝަލުންނާ ގުޅުން އޮތް ކަމުގެ ހެކި ލިބިފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުންޏެވެ.
ތިރީސް އަަހަރުވަންދެން އޮސްޓްރޭލިއާގައި ދިރިއުޅެފައިވާ އަދި އެގައުމުގެ ރަށްވެހިކަން އޮންނަ ޗަންއާ ދެކޮޅަށް ކޮށްފައިވާ ދައުވާއަކީ އޮސްޓްރޭލިއާއިން ކުރި އެފަދަ ފުރަތަމަ ދައުވާ އެވެ. ދެކުނު ކޮރެއާއަށް އުފަން ޗަން ވަނީ އޮސްޓްރޭލިއާގެ އިތުރުން އދ.ގެ ގަވާއިދުތަކާވެސް ހިލާފުވެފައި ކަމަށް އެގައުމުން ބުންޏެވެ.
އެމައްސަލައާ ގުޅިގެން ޗަންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. (ބީބީސީ)