ކްރިމިނަލް ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.

އިއްޔެއިން ފެށިގެން މިއަހަރުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ގޮސްފައިވާ ކަމަށް އެކޯޓުން ބުނެ އެވެ.

ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި އެކޯޓުން ބަލަމުންދާ މައްސަލަތައް މަދުވާނެ އެވެ. އެހެން ނަމަވެސް ކޯޓުން ކުރަމުންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން ނުވަތަ ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުވެސް މިހާރު އޮތީ ރިސެސްގައެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. އެ ކޯޓު އަންނަ ޖެނުއަރީމަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނީ ރިސެސްގައެވެ.