17 Dec 2017, 11:41
ލީމާ (ޑިސެމްބަރު 17): ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކަޗިންސްކީގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހުކުރު ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައި 93 މެމްބަރުން ވަނީ ކަޗިންސްކީ މަގާމުން ދުރުކުރުމާ ބެހޭ ގޮތުން އަންނަ ބުރާސްފަތި ދުވަހު ބަހުސް ކުރަން ތާއިދުކޮށްފަ އެވެ. އެހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނީ 17 މެމްބަރުންނެވެ.
ކަޗިންސްކީ މަގާމުން ދުރުކުރެވޭނީ 130 މެމްބަރުން ހިމެނޭ ކޮންގްރެސްގެ 87 މެމްބަރުންގެ ވޯޓުންނެވެ. އެވޯޓު ނެގުމުގެ ކުރިން ކޮންގްރެސްއަށް ހާޒިރު ކުރާނެ ކަމަށް ބެލެވޭ ކަޗިންސްކީގެ މައްޗަށްކޮށްފައި ވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯޑެބްރެކްޓުން 4.8 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުތަކެވެ.
ޕެރޫގެ ނޫސްތަކުން ބުނި ގޮތުގައި އޯޑެބްރެކްޓުން އެފައިސާ ފޮނުވާފައި ވަނީ ކަޗިންސްކީގެ ކުންފުންޏެއް ކަމަށްވާ ވެސްޓްފީލްޑް ކެޕިޓަލް ލިމިޓެޑަށް 2004 އާއި 2005އާ ދޭތެރޭގަ އެވެ. ނަމަވެސް ކަޗިންސްކީ ވަނީ އެ ފައިސާ ދިން އިރު އޭނާ ހުންނެވީ ކުންފުނި ހިންގަވާ މަގާމެއްގައި ނޫން ކަމަށާއި އެކަން ސާބިތު ކުރުމަށް އޭނާގެ މާލީ ރެކޯޑުތައް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އޯޑެބްރެކްޓުން ވަނީ 12 ގައުމެއްގެ ދައުލަތުގެ ކޮންޓްރެކްޓުތައް ހޯދުމަށް ޓަކައި 788 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް މިދިޔަ އަހަރު އެއްބަސްވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެކުންފުނީގެ ކުރީގެ ރައީސް މާސެލޯ އޯޑެބްރެކްޓް ދަނީ ބްރެޒިލްގައި 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. (އަލްޖަޒީރާ)