ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމަކީ "ލަވްރާތްރީ" ކަމަށް ސަލްމާން ބުނެފިއެވެ.

ސަލްމާން ވަނީ އޭނާގ ޓްވިޓަރގައި އެކަން ހާމަކޮށްފައެވެ. ސަލްމާން ޚާންގެ އެސްކޭ ފިލްމްސް އިން ޕްރޮޑިއުސްކުރާ އަދި އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެ ފިލްމަކީ ސަލްމާން އުފައްދާ ފަސް ވަނަ ފިލްމްވެސް މެއެވެ.

ފިލްމުގެ ލީޑް ރޯލުން އާޔުޝް ފެނިގެންދާއިރު ފިލްމުގައި ހަރަކާތްތެރިވާ ލީޑް ބަތަލާއެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމްގައި އިތުރަށް ހަރަކާތްތެރިވާ ތަރީން މިހާތަނަށް އިއުލާންކޮށްފައެއްވެސް ނުވެއެވެ.

"ލަވްރާތްރީ" އަކީ ލޯބީގެ ފިލްމެކެވެ. ފިލްމްގެ ޝޫޓިންގްގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާއިރު ސަލްމާން ބުނީ އާޔުޝް އަކީ ހުނަރު ހުރި އެކްޓް ކުރެވޭ ފެންވަރުގެ މީހެއްކަމަށެވެ. އާޔުޝް ބޮލީވުޑަށް ނުކުންނަ ފިލްމަކީ އޭނާގެ ފިލްމަކަށް ވުމުން ލިބޭ އުފާ މާބޮޑު ކަމަށް ސަލްމާން ވަނީ ބުނެފައެވެ.