17 Dec 2017, 09:41
އިބްރާހިމް އަބޫ ތުރައްޔާ އަކީ މީގެ ކުރިން ކުޅެދޭ ޒުވާނެކެވެ. ފަލަސްތީނަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މި ޒުވާނާ ނުކުޅެދޭ މީހަކަށްވީ އިސްރާއިލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ދިން ވައިގެ ހަމަލާއެއްގައި ފަޔަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން ފައި ބުރިކޮށްލަން ޖެހި ނުކުޅެދޭ މީހަކަށް ވުމުންނެވެ.
"ދެހާސް އަށް ވަނަ އަހަރު އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އުބޫ ތުރައްޔާގެ ދެ ފަޔާއި އެއް ކިޑްނީ ވަނީ ގެއްލިފައި. އެ ހަމަލާއަކީ ސީދާ އޭނާ އަށް ޓާގެޓްކޮށް ދިން ހަމަލާއެއް. އެ ދުވަހުގެ ހަމަލާ ދިނީ އިސްރާއިލު- ފަލަސްތީނު ބޯޑަރުގައި ނަގާފައި ހުރި އިސްރާއިލު ދިދައެއް ތިރިކޮށް ފަލަސްތީނުގެ ދިދަ ނެގުމުން،" އަބޫ ތުރައްޔާގެ ބޭބެ އާ ހަވާލާދީ އޭއެފްޕީ އިން ރިޕޯޓްކޮށްފައިވެ އެވެ.

އިބްރާހިމް އަބޫ ތުރައްޔާ---
އަބޫ ތުރައްޔާ ދިރިއުޅުމަށް ކުރި މަސައްކަތަކީ ކާރު ދޮވުމެވެ. ބޭރަށް ގޮސް "ޕްރޮސްތެޓިކް" ފައެއް ލެއްވުމަކީ އޭނާ ކުރި އުއްމީދެކެވެ.

އިބްރާހިމް އަބޫ ތުރައްޔާ ކާރު ދޮވުމުގެ މަސައްކަތުގައި. ބޭރަށްގޮސް "ޕްރޮސްތެޓިކް" ފައެއް ލެއްވުމަކީ އޭނާ ކުރި އުއްމީދެއް
ގުދުސް އަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރި ފަލަސްތީނު ރައްޔިތުންގެ ތެރޭގައި އަބޫ ތުރައްޔާ ހިމެނެ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި ނިކުމެ ދީނާއި ގައުމުގެ ދިފާއުގައި އަޑުއުފުލަމުން ދަނިކޮށް އޭނާ ޝަހީދުވީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.

އިބްރާހިމް އަބޫ ތުރައްޔާ---
އަބޫ ތުރައްޔާ ޝަހީދު ވުމުގެ އިރުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯ ފޫޓޭޖެއް އާންމުވެފައިވާ އިރު، އެ ވީޑިއޯ އިން ފެންނަނީ ފަލަސްތީނުގެ ދިދަ ނަގައި ފަޒާގައި ވިހުރުވާ ތަނެވެ. އިސްރާއިލު ސިފައިންނާ ދިމާއަށް ފަލަސްތީނުގެ ދިދަ އުފުލައި ވިހުރުވަމުންދާއިރު، ރަމްޒުކޮށްދިނީ ފަލަސްތީނު ރައްޔިތުންނަށް ނަސްރެއް ލިބިގެން އުޅޭތަން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
"މިއީ އަހަރެމެންގެ ގައުމު، އަހަރެމެންގެ ބިން. މިތަން އަހަރެމެން އަތުން ޖަހައިގަތުމުގެ ހައްގެއް އެމެރިކާ އަކަށް ނޯންނާނެ. އެގައުމަށް އެކަމެއް ނުނިންމޭނެ،" އިތުރު ވީޑިއޯއެއްގައި އޭނާ ބުނެފައިވެ އެވެ.

އަބޫ ތުރައްޔާ ޝަހީދު ވުމުގެ ކުރިން އެއްވުމުގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި އޭނާ އިން ގޮނޑި ވެއްޓުމުން ބިންމަތީ ފިރުކިފައި ދާ މަންޒަރު ވެސް ފެނުނު ކަމަށް ހަބަރުތައް ބުނެ އެވެ. ތުރައްޔާ ޝަހީދުވުމުގެ ކުރިން ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މަންޒަރު ދައްކައިދޭ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އޭނާގެ މަރު މެދުއިރުމަތިން ސިފަކުރަނީ "ތިން ވަނަ އިންތިފާޟާ"ގެ ފެށުމުގެ ގޮތުގަ އެވެ.

އިބްރާހިމް އަބޫ ތުރައްޔާ ޝަހީދުވެފައި---
އަބޫ ތުރައްޔާގެ ހިތްވަރު ސިފަކޮށް ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ އޭނާ އަކީ ހިތްވަރު ގަދަ ޒުވާނެއް ކަމަށެވެ. އެގޮތުން ފައި ނެތް ނަމަވެސް އޭނާގެ އިލެކްޓްރޯނިކް ގޮނޑީގައި އިނދެ ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ދެކޮޅަށް އަޑުއުފުލައި ދެއްކި ހިތްވަރު ގަދަ މީހެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.
"އިސްރާއިލާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ކަރަންޓު ދޭން ޖަހާފައި ހުންނަ މުޑިތަކަށް އަރާ ފަލަސްތީނުގެ ދިދަ ވިހުރުވި ހިތްވަރު ގަދަ މީހެއް އެއީ،"
ފަލަސްތީނަށް ހެޔޮއެދޭ މީހުންނަށް އަބޫ ތުރައްޔާ ވަނީ އަސަރުގަދަ މެސެޖެއް ވެސް ދޫކޮށްލައިފަ އެވެ.
"އަހަރެންގެ ނުކުޅެދޭ ހަށިގަނޑަށް ނުބަލާށެވެ. މިއީ އަދި ނިމުމެއް ނޫނެވެ. ހަޔާތް ފެށޭނީ މިއަށް ފަހުއެވެ."