މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އޮސްކާ ބްރުޒޮން އަށް ލިބިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި އޮސްކާ އަށް އެންމެ މޮޅު ކޯޗުގެ އެވޯޑު ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑު ހޯދި އޮސްކާ ވަނީ ސީޒަނުގެ މެދެއްހާ ތަނުގައި ނިއުގެ ކޯޗު ކަމާ ހަވާލުވެ އެ ޓީމަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފައެވެ.

އެ އެވޯޑަށް އޮސްކާއާ ވާދަކޮށްފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަގެ ކުރީގެ ކޯޗު މަރިއަން ސެކުލޮވްސްކީ އެވެ.

މިދިޔަ އަހަރު އެ އެވޯޑް ކާމިޔާބު ކޮށްފައިވަނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.