މާލޭ ބޮޑުތަކުރުފާނު މަގުން ޕޮލިސް ޓޯޔާޑް ކުރިމަތިން ރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 23:28 އެހައިކަންހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޭ ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ޕޮލިސް ޓޯޔާޑު ކައިރީ ސްޕީޑު ބްރޭކަރ މަތިން އޮފް ބެލޭންސްވެ، ކަހާލައިގެން ވެއްޓުނު ކަމަށެވެ.

އެ ސައިކަލް ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލަކުންޖެހި އެކްސިޑެންޓުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓުގައި އަނިޔާ ލިބިފައި ވަނީ ކަހާލައިގެން ވެއްޓުނު ސައިކަލްގައި ތިބި ދެ މީހުންނަށް ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަކީ ކޮބައިކަން އަދި ނޭނގެއެވެ.