17 Dec 2017, 00:08
މަސްދޯނި ފަހަރުތަކުގައި އައިސް ޕްލާންޓް ބަހައްޓައިގެން ގަނޑުފެން އުފެއްދުމަށް ލޯނު ދޫކުރަން އަންނަ ހަފްތާގެތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ތިރީސް ހަތް ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އެ ލޯނު ދޫކުރަނީ ގަނޑުފެން ލިބުމުގައި މަސްވެރިންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމާއެކު މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.
އެ މަޝްރޫއު ފެށުމަށްޓަކައި އޮޑިދޯނި ފަހަރުގައި އައިސް އުފެއްދޭނެ އިންތިޒާމް ޓެސްޓް ކުރަމުންދާ ކަމަށް ޝައިނީ ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގައި އަލަށް ތަޖުރިބާ ކުރަމުންދާ ނިޒާމެއް މެދުވެރިކޮށް އިހަވަންދޫ ބޭރުގައި އޮތް މަސްދޯންޏެއްގައި ގަނޑުފެން އުފެއްދުމުގެ މަސައްކަތް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ފަރާތުން މަސްވެރިންނަށް ދޭން ބޭނުންވާ ހަދިޔާއަކީ މިއަންނަ ހަފްތާތެރޭގައި މިހާރު ޓެސްޓް ކުރަމުންދާ ސިސްޓަމް ނުވަތަ މަސްވެރިން ބޭނުންވާ އެހެން ސިސްޓަމެއް ގަތުމަށްޓާކައި ލޯނުގެ ފުރުސަތެއް އަޅުގަނޑުމެން ހުޅުވާލައި ފޯމް ދޫކުރަން ފަށާނަން ކުރިއަށް އޮތް ހަފްތާތެރޭގައި،" ޑރ. ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ އޮޑިދޯނި ފަހަރުގައި ގަނޑުފެން އުފައްދާ ސިސްޓަމްތައް ބެހެއްޓުމުގެ އިތުރުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް އައިސް ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އަންނަ އަހަރު އެ މަސައްކަތް މުޅިން ނިންމާލެވޭނެ،" ޑރ. ޝައިނީ ވިދާޅުވިއެވެ.