16 Dec 2017, 23:41
ބެޔަސް ނުބެޔަސް ސްކީމްގެ ވާހަކަ މަސްވެރިން މިހާރު ނުދައްކާކަމަށާއި އެ ސްކީމްގެ ބޭނުންނުކޮށްވެސް މަސްވެރިންނަށް ރަނގަޅު އާމްދަނީ އެއް ލިބެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ހއ. ހިހަވަންދޫގައި މިރޭ ބޭއްވި 37 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ބެޔަސް ނުބެޔަސް 10،000 ރުފިޔާ ލިބޭ ސްކީމް އަދިވެސް އެގޮތުގައި އެބައޮތް ކަމަށެވެ. ނަމަވެސް އެ ސްކީމް ބޭނުން ކުރާ ވަރަށް ވުރެ މުޅި އަހަރުތެރޭގައިވެސް މަސްވެރިންނަށް ލިބޭ އާމްދަނީ ރަނގަޅު ކަމަށާއި އެހެންކަމުން އެވާހަކަ މަސްވެރިން ނުދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހެއް މި ފާހަގަކުރީ ދ. މީދޫގައި. އޭރުގަ އަދި ބެޔަސް ނުބެޔަސް ޕްރގްރާމެއް އަޅުގަނޑުމެންނަކަށް ރޯލެއް ނުކުރެވޭ. އެދުވަހު މަސްވެރިންނާއެކު ބޭއްވި މަޝްވަރާގައި އެބޭފުޅުން އެއްވެސް ވަރަކަށް ބެޔަސް ނުބެޔަސްގެ ވާހަކަ ނުދައްކައިގެން އަޅުގަނޑު ސުވާލުކުރިން. ކިއްވެގެންތޯ ބެޔަސް ނުބެޔަސްގެ ވާހަކަ ނުދައްކަނީ. އެބޭފުޅުން ވިދާޅުވީ އެބޭފުޅުންނަކީ 16،000 ، 17،000 ނުވަތަ 23،000 ވަރު ކޮންމެ މަހަކު ލިބޭ ބަޔަކަށްވާތީ ތީ އެހާބޮޑު ކޮންސާންއެއްނޫނޭ،" ޑރ. ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މިދިޔަ އަހަރު ގއ. ގެމަނަފުށީގައި މަސްވެެރިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވިއިރު، ބެޔަސް ނުބެޔަސް ސްކީމްގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ އެ ރަށުގެ މަސްވެރިންގެ ގާތުގައި ސުވާލުކުރުމުން އެ ސްކީމް ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"އެދުވަހުވެސް އަޅުގަނޑު ސުވާލު ކުރިން ގެމަނަފުށީ މަސްވެރިންގެ ގާތު ކީއްވެތޯ ބެޔަސް ނުބެޔަސްގެ ވާހަކަ ނުދައްކަނީ. އެބޭފުޅުން ވިދާޅުވީ އެއަށްވުރެ މަތީގައޭ އިރާދަކުރެއްވިޔާ މިތިބެނީ އެވާހަކަ ދައްކާކަށް ނުޖެހެއޭ،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މި އަހަރު އިހަވަންދޫގައި ބޭއްވި މަޝްވަރާގެ ތެރެއިންވެސް ބެޔަސް ނުބެޔަސް ސްކީމްގެ ވާހަކަ އެއްވެސް މަސްވެރިއަކު ފާހަގަ ނުކުރާ ކަަމަށެވެ. އެގޮތުން އެރަށު މަސްވެރިންނާއެކު ބޭއްވި ދެ ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމުގައިވެސް އެވާހަކަ ފާހަގަ ނުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބެޔަސް ނުބެޔަސް އަކީ މަސްވެރިންގެ ކަންބޮޑުވުން އޮވެގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވަހަކައެއް ކަަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއަށްވުރެބޮޑަށް އެވާހަކަ ދައްކަނީ ސިޔާސީ ވަކި ބޭނުމެއް ހާސިލް ކުރަން ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ކުރިން މަސްވެރިން ބޭނުންވީ ވިއްކާ މަހަށް ރަނގަޅު އަގެއް ހޯދަން ކަމަށެވެ. ނަމަވެސް މިހާރު އެކަން ވަނީ ހައްލުވެފައި ކަމަށް ޝައިނީ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ ބޭރުގެ މީހުން ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމަށް އިންވެސްޓް ކުރާނެ މަގު ފަހިކޮށްދިނުމަށް މަސްވެރިން އެދުނު ކަމަށާއި ސަރުކާރުން އެ އަޑު އަހައި އެކަން ހައްލުކޮށްދީފައިވާ ކަމަށެވެ.
"ސަރުކަރުން އެއަޑު އެހިން. މިހާރުު ބޭރުގެ ބައެއް ކުނފުނިތަކުން އައިސް ރާއްޖޭގައި އެސްޓަބްލިޝް ވެގެން ކުންފުނި ހަދައިގެން އެ މަސައްކަތް އެބަކުރޭ. އަޅުގަނޑުމެން އެދުވަހު އެކަން މަސްވެރިންނަށް ކޮށްދިނިން،" ޝައިނީ ވިދާޅުވިއެވެ.