16 Dec 2017, 22:56
ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުން އުފެދޭ ޕްލާސްޓިކް ކުނި ރައްކާތެރިގޮތުގައި ނައްތާލައި އެ ޕްލާސްޓިކުތައް އަލުން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން"އާ ހަވާލުކޮށްފި އެވެ.
ޕާލޭއާ އެމަސައްކަތް ހަވާލުކުރީ ހއ. އިހަވަންދޫގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކަނޑަށްއަޅާ ކުނި ރައްކާތެރިގޮތެއްގައި ނައްތާލުމަށް ޕާލޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. ޕާލޭ ގެ ފަރާތުން ސޮއިކުރެއްވީ މާވެލް ސިލްކެވެ.
ޕާލޭއަކީ މިހާރުވެސް ރާއްޖޭގައި ފުޅާދައިރާއެއްގައި ޕްލާސްޓިކް ކުނި އަލުން ބޭނުންކުރެވޭ ގޮތް ހެދުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެޖަމްއިއްޔާ އިން ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވަނީ ވެފައެވެ. މިހާތަނަށް 700 ޓަނަށް ވުރެ ގިނަ އަދަދަކަށް އެ ޖަމްއިއްޔާ އިން ވަނީ ޕްލާސްޓިކް ރިސައިކަލްކޮށްފައެވެ.
ޕާލޭ އާއި އެޑިޑާސް އިން އަންނަނީ ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ބޫޓެއް ވެސް އުފައްދައި ބާޒާރަށް ނެރެފައެވެ.