16 Dec 2017, 22:12
ހއ. އިހަވަންދޫ މަސްވެރިންގެ ހައްގުތަކަަށް ސަރުކާރުން އެއްވެސް އިސްކަމެއް ދީފައިނުވާ ކަމަށް ބުނެ އިހަވަންދޫގައި މިރޭ މުޒާހަރާކޮށްފިއެވެ.
އިހަވަންދޫގައި މުޒާހަރާ ކުރީ މަސްވެރިންގެ ދުވަހުގެެ ރަސްމީ ޖަލްސާ އެރަށުގައި ބާއްްވަމުން ދަނިކޮށެވެ. އެ މުޒާހަރާގައި އިސްކޮށް ހުންނެވީ އިހަވަންދޫގެ ދާއިރާގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.
މުހަންމާ "ސަން" އަށް މިރޭ ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އެރަށުގައި ބާއްވަމުންދާއިރު އެ ރަށު މަސްވެރިންގެ ހައްގުތައް ކަށަވަރު ނުވާކަމަށެވެ. އެގޮތުން ރަށުގެ ބަނދަރުގެ ހާލަތު ދަށްވެފައިވާ ކަމަށާއި އައިސް ޕްލާންޓުން ބޭނުންވާ ވަަރަށް އައިސް ނުލިބުމުގެ ޝަކުވާތައް މަސްވެރިން އަންނަނީ ކުރަމުން ކަމަށް މުހައްމާ ވިދާޅުވިއެވެ.
"މަސްވެރިންގެ ކަންބޮޑުވުން ބައިވަރު. 20 މަސްދޯނި އޮންނަ މި ރަށުގެ ބަނދަރު މިއޮތީ ހަލާކުވެފައި. އަދި އެންމެ ކުޑަމިނުން މިރޭ ބާއްވަމުންދާ ޖަލްސާއަށްވެސް މަސްވެރިންނަށް މިކީ ރޭގެ ވަގުތެއްގައި. އަދި ކައުންސިލަރަކަށް ވެސް ނެތް ދައުވަތު ދީފައެއް،" މުހައްމާ ވިދަޅުވިއެވެ.
މުހައްމާ ވިދާޅުވީ ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާ ދޭނެ ކަމަށް ބުނެ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވި ވައުދު ނުފުއްދާ މިއަދު އެ ރަށުގައި މަސްވެރިންގެ ދުވަހުގެ ޖަލްސާ ބޭއްވުމަކީ މަސްވެރިންނަށް ކުރަމުންދާ "މަލާމާތެއް" ކަމަށެވެ.
އިހަވަންދޫގައި މުޒާހަރާ ކުރަނީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ. ޗައިނާ ބަހުން ލިޔެފައިވާ ބޯޑްތައްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބޭނުން ކުރަމުންނެވެ.
މުހައްމާ ވިދާޅުވީ މިރޭގެ މުޒާހަރާގައި ބައިވެރިވަމުންދަނީ ޒުވާން މަސްވެރިން ކަމަށެވެ.
އެރަށު ބަނދަރު ސަރަހައްދުގައި މަސްވެރިންގެ ދުވަހުގެ ޖަލްސާ ކުރިއަށްދާ ހިސާބާ ކައިރީގައި މުޒާހަރާގެ ބައިވެރިން ތިއްބައި ފުލުހުން ވަނީ އެމީހުން ދުރަށްޖައްސާފައެވެ.