09 Aug 2011, 15:46
ފާއިތުވި ދެދުވަހުގެ ތެރޭ ހާލު ދެރަ މާބަނޑު ދެ މީހަކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ހާލު ވަރަށް ގޯސްވެ، އަވަސް ފަރުވާ އަށް ބޭނުންވެގެން މާލެ ގެނެސްފައިވަނީ މ. މުލަކު އަދި ދ. ކުޑަހުވަދޫ އަންހެނެކެވެ.
ދ. ކުޑަހުވަދޫއަށް ނިސްބަތްވާ 21 އަހަރުގެ މާބަނޑު މީހާ އިއްޔެ މާލެ ގެނައީ އެރަށު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް، ހާލު އިތުރަށް ގޯސްވެ، އަވަސް ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް އެ ހޮސްޕިޓަލުން ކޯސްޓްގާޑުގައި އެދުމުން ކަމަށެވެ. އިއްޔެ ހެނދުނު މާލެ ގެނަސް އެ އަންހެންމީހާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
މާބަނޑު ދެވަނަ މީހާ މުލަކުން މާލެ ގެނައީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އުމުރުން 26 އަހަރުގެ އެ އަންހެން މީހާ ވެސް މާލެ ގެނައީ ހާލު އިތުރަށް ގޯސްވެ، އަވަސް ފަރުވާދިނުމަށް އެރަށު ހޮސްޕިޓަލުން އެދުމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އޭނާއަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަތޮޅު ތެރޭގައި ހިނގައި އެކްސިޑެންޓުތަކުގައި ސީރިއަސް ޒަހަމްތައް ލިބޭ ފަރާތްތަކާއި އަދި ހާލު ދެރަ ބަލި މީހުންނަށް ރަށްރަށުގައި އެކަށީގެންވާ ފަރުވާއެއް ދެވެން ނެތުމުން، ދޭތެރެ ދޭތެރެއިން ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި އެމީހުން މާލެ ގެނެ އެވެ. އަދި އިތުރު ގޮތެއް ނެތުމުން ބައެއް ފަހަރު އާއިލާތަކުން ފްލައިޓު ޗާޓާ ކޮށްގެންވެސް ބަލި މީހުން މާލެ ގެނެ އެވެ.