ހުޅުމާލޭ ބީޗް ސަރަހައްދުން ކުލި ނަގާތީ ގެސްޓް ހައުސް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.

އެކަމާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އަށް އެޑްރެސްކޮށް ގެސްޓް ހައުސް އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބީޗް ފްރަންޓުގައި ހުރި ގެސްޓްހައުސްތަކުގެ ކުރިމައްޗަށް ވާގޮތަށް އޮތް ބީޗަކީ އާންމުންނަށް ހުޅުވާލާފައިވާ "ޕަބްލިކް ސްޕޭސް" އެއް ކަމަށާއި، އެފަދަ ތަންތަން ވިޔަފާރީގެ އުސޫލުން ދޫކުރުމަކީ ރައްޔިތުންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

އެގޮތަށް އަމަލުކުރުމަކީ ރައްޔިތުން ހިތްހަމަ ޖެހޭ އުފާވެރި މާހައުލަކުން އެކަހެރިކޮށް ބާކީ ކުރުން ކަމަށާއި މީގެ ކުރިން މާލެ ސަރަހައްދުގައި އާންމުން ދަތުރު ގޮސް ހެދުމަށް ބޭނުންކުރި ކުޑަބަނޑޮހާއި ފޭދޫ ފިނޮޅު ވިޔަފާރިއަށް ހުޅުވާލުމުން މާލޭ ސިޓީގެ ރައްޔިތުން ޗުއްޓީ ހޭދަކޮށްލުމަށް ދާން މިހާރު އޮތް ހަމައެކަނި ތަނަކީ ހުޅުމާލޭ ބީޗް ކަމަށް އެ ސިޓީގައިވެއެވެ.

"ހުލުމާލޭ ބީޗް ސަރަހައްދު ކޮމާޝަލައިޒް ކުރުމަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން...،" އެ ސިޓީގައިވެއެވެ.

އާންމުން ބޭނުން ކުރުމަށް އޮންނަ "ޕަބްލިކް ސްޕޭސް" އެއް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަކީ ރާއްޖޭގެ ރީތިކަން ބަލައިލުމަށް އަންނަ ޓުއަރިސްޓުންނަށްވެސް ވެވޭ ބޭއިންސާފެއް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުގެ ސިޓިގައިވެއެވެ.

ހުޅުމާލޭ ބީޗް ޕްރަންޓުގެ ޕްލޮޓްތައް ވިއްކާފައިވަނީ އެހެން ސަރަައްދު ތަކުގައިވާ ޕްލޮޓްތަކަށްވުރެވެސް އަގުބޮޑުކޮށް ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސީޓީގައި ބުނެފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން ބީޗް ފްރަންޓް އޭރިއާއެއްގެ ގޮތުގައި އޮތް ތަނެއް، ބޮޑު އަގެއްގައި ނެގުމަށް އެންގުމަކީ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ގާނޫނީ ގޮތުން ލިބިފައިވާ މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ހައްގަށް ނުފޫޒާއި ބާރު ފޯރުވުން ކަމުގައި އެ ޖަމްއިއްޔާ އިން ދެކޭ ކަމަށެވެ.