16 Dec 2017, 20:11
އެތްލެޓިކޯ މެޑްރިޑް ދޫކޮށްލުމުގެ ފުރުސަތު އެ ކްލަބުގެ ފޯވާޑް އެންޓޮއިން ގްރިޒްމަނަށް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
ގްރިޒްމަން ވަނީ މިދިޔަ ޖޫން މަހު އެތްލެޓިކޯގެ ކޮންޓްރެކްޓް 2022 ވަނަ އަހަރާ ހަމައަށް އާ ކޮށްފައެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ގްރިޒްމަން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ވަރަށް ގާތަށްދިޔަ ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އާ ހަމައަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭ ގޮތަށް ފީފާ އިން އެތްލެޓިކޯއަށް އަދަބު ދިނުމުން ގްރިޒްމަން ވަނީ އެތްލެޓިކޯގައި އެންމެފަހުން މަޑުކުރަން ނިންމާފައެވެ.
ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިމިއޯނީ ބުނީ ކޮންމެވެސް ހިސާބަކުން އެތްލެޓިކޯ ދޫކޮށްލުމުގެ ފުރުސަތު ގްރިޒްމަނަށް ވެސް އޮންނާނެ ކަމަށާއި ކުޅުންތެރިންނަށް އިތުރު ކުރިއެރުންތައް ލިބެމުންދާތަން ދެކެން އަބަދުވެސް ބޭނުންވާ ކަމަށެވެ.
"އަހަރެން ކޯޗުކަން ކޮށްދޭ ކުޅުންތެރިން ކުރިއަރައިގެން ދާތަން ދެކެން ބޭނުންވޭ. އެތްލެޓިކޯ އަށް ރަނގަޅަށް މަސައްކަތް ކޮށްދިނުމަށްފަހު އިތުރު ކުރިއެރުންތަކެއް ހޯދުމަށް އެހެން ކްލަބަކަށް ކުޅުންތެރިއަކު ދާން ބޭނުވެއްޖެނަމަ އަހަރެން އެކަމަކަށް ހުރަހެއް ނާޅާނަން،" ސިމިއޯނީ ބުންޏެވެ.
މި ސީޒަނަށްފަހު ގްރިޒްމަން އެތްލެޓިކޯ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓުތަށް ބުނާއިރު އޭނާ ހޯދުމަށް ޕީއެސްޖީ އާއި ބާސެލޯނާގެ އިތުރުން ޔުނައިޓެޑުން ވެސް ޝައުގުވެރިވެއެވެ.
ގްރިޒްމަން ވަނީ މި ސީޒަނުގެ އެތުލެޓިކޯ އަށް މިހާތަނަށް ކުޅެދިން 18 މެޗުގައި ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ.