ޓޮރޮންޓޯ (ޑިސެމްބަރު 16): ކެނެޑާގެ ބިލިއަނަރަކާއި އޭނާގެ އަނބިމީހާ ޓޮރޮންޓޯގައި ހުންނަ އެ ދެ މީހުންގެ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބެރީ ޝާމޭން އާއި އަންހެނުން ހަނީގެ ހަށިގަނޑު އިއްޔެ ފެނުނީ އެގެއަށް ދިޔަ އެސްޓޭޓް އޭޖެންޓަކަށެވެ. އަދި އެ ދެ މީހުންގެ މަރާ ގުޅިގެން ފުލުހުން އިއްޔެ ދިން ބަޔާނެއްގައި ވަނީ އެ ދެ މީހުންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފަ އެވެ.

ޓޮރޮންޓޯގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ދެމީހުންގެ މަރާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަދި ފަށާފައި ނުވެ އެވެ. ފުލުހުން އަދި ވެސް ދަނީ އެމީހުންގެ މަރަކީ ގުދުރަތީ މަރެއް ނޫންކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޑިޓެކްޓިވް ބްރޭންޑަން ޕްރައިސް ވިދާޅުވި އެވެ.

ޝާމަން އަކީ ތަފާތު ބޭސް އުފައްދާ ވިއްކާ ދުނިޔޭގެ ހަތް ވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ އެޕޯޓެކްސްގެ ބާނީ އަދި ޗެއާމަން އެވެ. ފޯބްސް މެގަޒިންގައިވާ ގޮތުން ހަތަރު ކުދިންގެ ބައްޕައެއް ކަމަށްވާ ޝާމަންގެ ނެޓް ވޯތު 3.2 ބިލިއަން ޑޮލަރަށް އަރަ އެވެ. (ބީބީސީ)