މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްބީސީ(ގެ ބަޖެޓް ހިފަހައްޓާފައިވާ ކަމަށް ބުނެ، އެ ކޯޕަރޭޝަނުން ހުށަހަޅާފައިވާ މައްސަލާގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒްގެ މާދަމާ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

މާލިއްޔަ ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މާދަމާ 11:45ގައި ބާއްވަން ނިންމާފައިވާ ބައްދަލުވުމަށް އިނާޒް ހާޒިރު ކުރުމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި އެންބީސީގެ ބޯޑުގެ މެންބަރުންނަށް ދެއްވާ މުސާރައިގެ އިތުރުން އެ ކޯޕަރޭޝަންގެ އެހެނިހެން ބޭނުންތަކަށް ދޭން ޖެހޭ ފައިސާ ފިނޭން މިނިސްޓްރީ ނުދެއްވާ މައްސަލާގައި އެންމެ ރަގަނޅު ގޮތަކަށް ކޮމެޓީގެ މެންބަރުނަށް ގަބޫލު ކުރެވުނީ އިނާޒްއާ "ފޭސްޓް ފޭސްޓްކޮށް" ވާހަކަ ދައްކާލުން ކަމަށެވެ.

"އެބޭފުޅުން )އެމްބީސީ( ވިދާޅުވަނީ މުސާރައިގެ ފައިސާ ދެއްވައޭ. އެހެން ނަމަވެސް ގާނުނެއްގެ ދަށުން އުފަންކޮށްފައި އޮތް މުއައްސަސާއަކަށް ދޭން ޖެހޭ އޮފީސް ހަރަދުތަކާ އަދި ގާނޫނީ ލަފާތަކަށް ހަރަދު ކުރަން ޖެހޭ ފައިސާތަކާއި ތަނުގެ ކުލި ހިގާނެތީ ބަޖެޓް ދޭން ޖެހޭނެ. ދައުލަތުގެ ބަޖެޓުން ފާސްކުރެވިގެން އެހެން ހިނގަމުންދާއިރު، އެހެން މުއައްސަސާތަކަށް ވެސް ފައިސާ ދެއްވާ ގޮތަށް އެމްބީސީއަށް ބަޖެޓް ދޭންވާނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބީސީގެ 95 މިލިއަނެއްހާ ރުފިޔާގެ ބަޖެޓް ހިފަހައްޓައިގެން އުޅޭ މައްސަލަ މާލިއްޔަތު ކޮމެޓީއަށް އެ ކޯޕަރޭޝަނުން ހުށަހަޅާފައި ވަނީ މި އަހަރުގެ މެއި މަހުގެ 10 ދުވަހު ކަމަށެވެ.

މާލިއްޔަ ކޮމެޓީއަށް އިނާޒު މާދަމާ ހާޒިރު ކުރާއިރު، އެ ކޮމެޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި އަދި ނުނިންމަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހުޅުވާލެވިގެން ބާއްވާ ބައްދަލުވުމެއްކަން ނިންމާނީ މާދަމާ ކޮމެޓިގެ ބައްދަލުވުމުގައި ކަމަށް އޭނޭ ވިދާޅުވި އެވެ.