16 Dec 2017, 14:57
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްޝަ އާ ބައްދަލު ކުރައްވައިފި އެވެ.
ނަމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާ އެކު މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއްޖެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަޝްވަރާތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އިން ލައްކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރު ޒަމީރާއި ސަފީރު މުންދު، ނަމާލް ރާޖަޕަކްސަ އާ އެކު ބައްދަލުވުމެއް ބޭއްވި އިރު، ރާއްޖޭގެ އިދިކޮޅު ގިނަ ފަރާތްތަކެއް މިހާރު ދިރިއުޅެމުން ދަނީ ލަންކާގަ އެވެ. ލަންކާ އިން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް އިދިކޮޅަށް ވާގިދޭ ކަމަށް ބުނެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ދެއްކެވި ވާހަކައަކާ ގުޅިގެން ނަމާލް ވަނީ ރައްދު ދެއްވައިފަ އެވެ.
ނަމާލް ވިދާޅުވީ ލަންކާ އިން މަސައްކަތް ކުރަނީ ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުމަށް ކަމަށާއި ލަންކާގެ ސިޔާސަތަކީ އެހެން ގައުމެއްގެ ސިޔާސީ ކަންކަމަށް ނުފޫޒު ނުފޯރުވުން ކަމަށެވެ. އަދި ލަންކާގައި މިހާރު އޮތް ރައީސް ސިރިސޭނާގެ ސަރުކާރުން ވެސް އެ އުސޫލު ދަމަހައްޓަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.