16 Dec 2017, 12:33
އިންޑިއާ އިން އޮސްކާ އަށް ހުށަހެޅި ރާޖްކުމާރު ރާއޯގެ ފިލްމު، 'ނިއުޓަން' ފައިނަލް ނޮމިނޭޝަންގައި ނުހިމެނި، އޮސްކާ ރޭހުން ބޭރުވެއްޖެ އެވެ.
ފޮރިން ލޭންގުއޭޖް ފިލްމުތަކުގެ ކެޓަގަރީ އިން ނިއުޓަން އޮސްކާއަށް ވާދަކުރި އިރު، އޮސްކާ އެވޯޑުގެ އޮފިޝަލް ވެބްސައިޓުގައި އާންމު ކުރި ފައިނަލް ލިސްޓުގައި 'ނިއުޓަން'ގެ ނަމެއް ނެތެވެ.
ފައިނަލް ލިސްޓުގައި ނުވަ ފިލްމެއް ހިމެނޭ އިރު، އޭގެ ތެރޭގައި ހިމެނެނީ ޗިލީ، ޖަރުމަން، ހަންގޭރީ، އިސްރާއީލް، ލުބްނާން، ރަޝިޔާ، ސެނެގާލް، ދެކުނު އެފްރިކާ އަދި ސްވީޑްންގެ ފިލްމުތަކެވެ.
'ނިއުޓަން' އަކީ އަމިތު ވީ މަސޫރްކަރް ޑައިރެކްޓުކޮށް، އިންޑިއާގައި އިންތިޚާބު ކުރިއަށް ގެންދިއުމުގައި ހިންގާ ކޮރަޕްޝަން ފަދަ މައްސަލަތަކަށް އަލިއަޅުވާލައި ހަދާފައިވާ ފިލްމެކެވެ.
ފިލްމު ފައިނަލް ނޮމިނޭޝަންސްގައި ނުހިމެނުނު ނަމަވެސް ފިލްމުގެ ޓީމުން ތިބީ ހިތްހަމަޖެހިފަ އެވެ. އަމިތު ބުނީ އޮސްކާ އަކީ އޮލިމްޕިކްސް ފަދަ ކަމެއް ކަމަށާއި ވާދަކުރަން ޖެހެނީ ދުނިޔޭގެ އެންމެ މޮޅު ފިލްމުތަކާ ކަމަށެވެ.
އަދި ފިލްމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި އެހެން ކަމުން އެއަށް ވުރެ ރަނގަޅު، މޮޅު ތަފާތު ފިލްމުތައް އުފެއްދުމަށް ހިތްވަރު ލިބިފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.