ކުރިއަށް އޮތް ޒީ ސިނެ އެވޯޑްސް 2018ގެ ހުށަހެޅުމަކަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފަސް ކުރޯޑުގެ އަގެއް ކިޔައިފި އެވެ.

ބޮލީވުޑް ފަތަހަ ކުރުމަށް ފަހު ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑްގައި ވެސް އޭނާގެ ހުނަރުވެރިކަން ދައްކަމުންނެނެވެ. ހޮލީވުޑްގައި މަސައްކަތް ކުރަން ފެށި ފަހުން ހިންދީ ފިލްމުތަކާއި އެވޯޑު ހަފްލާތަކަށް ވަގުތު ދެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ނަމަވެސް ޒީ ސިނެ އެވޯޑްސް އަށް ޕްރިޔަންކާ މިވަނީ މުމްބާއީ އަށް އައުމަށް ނިންމައިފަ އެވެ. އަދި އެވޯޑު ހަފްލާގައި އޭނާގެ ހުށަހެޅުމެއް ފެނިގެން ދާނެ އެވެ.

ފަސް މިނެޓުގެ އެ ހުށަހެޅުމަށް ޕްރިޔަންކާ ކިޔައިފައި ވަނީ ފަސް ކުރޯރު ރުޕީޒްގެ އަގެކެވެ. ކިތަންމެ ބޮޑު އަގެއް ޕްރިޔަންކާ ކިޔައިފައިވީ ނަމަވެސް، އެވޯޑު އިންތިޒާމް ކުރާ ފަރާތުން މިވަނީ އެ އަގަށް އެއްބަސްވެފަ އެވެ.

ޕްރިޔަންކާގެ ހިޓް ލަވަތަކުގެ މެޑްލީ އަކާ އެކު އޭނާ ސްޓޭޖު މަތިން ބަލައިލުމަށް އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ. އެންމެ ފަހުން ޕްރިޔަންކާ އެވޯޑު ހަފްލާއެއްގައި ހުށަހަޅައިދީފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.

ޕްރިޔަންކާ މިހާރު ހުރީ ނިއު ޔޯކުގަ އެވެ. ނަމަވެސް ވަރަށް އަވަހަށް އެވޯޑު ހަފްލާ އަށް މުމްބާއީ އަށް ގޮސް ފަރިތަކުރަން ފަށާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޕްރިޔަންކާގެ އިތުރުން، ޒީ ސިނެ އެވޯޑްސްގައި ކެޓްރީނާ ކައިފް، ރަންވީރު ސިންގް، ޝާހިދު ކަޕޫރު، ސިދާރްތު މަލޯތުރާ، ޖެކްލީން ފާނަންޑޭޒް، އާޔޫޝްމަން ޚުރާނާ އަދި ބޫމީ ޕެދްނޭކާ ފަދަ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.