ގދ. ތިނަދޫން ފުރައިގެން ގއ. ދާންދުއަށް ދިޔަ ލޯންޗަކުން ދަތުރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނި އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ތިނަދޫން ފުރައިގެން ދާންދުއަށް ދަތުރު ކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 30 ޕެކެޓް އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގެންފައި ވަނީ 24 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތައް ފުލުހުން ފެނުމާ އެކު އޭނާގެ އަތުގައި އޮތް ޓޭޕް އޮޅާފައިވާ އެއްޗެއް އެއްލާލި ކަމަށެވެ. އަދި އޭތި ނަގައިގެން ބަލައި ފާސްކުރުމުން އެއީ މަސްތުވާތަކެތިކަން އެނގުނު ކަމަށެވެ.