09 Aug 2011, 15:34
ލަންޑަން (އޮގަސްޓް 9) : ލަންޑަންގައި މިދިޔަ ހޮނިހިރު ދުވަހު ފެށުނު ހަމަނުޖެހުންތައް ފުޅާވެ އިނގިރޭސިވިލާތުގެ ބޮޑެތި ރައްތައް ކަމަށްވާ ލިވަރޕޫލް، ބަރމިންގހަމް އަދި ބްރިސްޓޯލް ފަދަ ރައްތަކަށް ހަމަނުޖެހުންތައް ފެތުރިގެން ހިނގައްޖެ އެވެ.
ލަންޑަންގެ އެތަށް އަވަށެއްގައި ރޭގައިވަނީ އިމާރާތްތަކުގައި ހުޅުޖެހުމާއި ފިހާރަތައް ހަލާކުކުރުމާއި ފިހާރަތަކާއި ސުޕަރ މާކެޓްތަކުން ވައްކަން ކުރުމާއި އެތަންތަން ލޫޓުވުމުގެ ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފައެވެ.
ރޭގައި ހުޅުޖެހުމާއި ލޫޓުވުމުގެ ޢަމަލުތައް ހިންގާފައިވާ ލަންޑަންގެ އަވަށްތަކުގެ ތެރޭގައި އެރަށުގެ ދެކުނުގެ ބެކަމް އާއި ކްރައިޑޯން އާއި ހުޅަނގުގެ އީލިންގ އާއި އިރުމަތީ އަވަށެއްކަމަށްވާ ހެކްނީ ހިމެނެއެވެ. މޫނު ނިވާކޮށްގެންތިބި އިނގިރޭސި ޒުވާނުންވަނީ ބޮޑެތި ޝޮޕިންގ މޯލްތަކަށާއި ސްޕަރމާކެޓްތަކަށް ވަދެ ބާރުގެ ބޭނުންކޮށްގެންނާއި ބިރުދައްކައިގެން ވަރަށް ވަރުގަދައަށް ވައްކަންކޮށްފައެވެ.
ފިހާރަތަކުގެ ކުޑަދޮރުތައް ހަލާކުކުރުމަށް ބޭސްބޯލް ކުޅުމަށް ބޭނުންކުރާ ބެޓްފަދަ ތަކެތި ޒުވާނުން ބޭނުންކުރަމުންގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ބީބީސީ ބުނާގޮތުން މިއަމަލުތައް ޒުވާނުން ހިންގަމުން ގެންދަނީ ވަރަށް ބޮޑަށް ރާވައި ކޯޑިނޭޓް ކޮށްގެންނެވެ. މިކަމުގައި މޯބައިލް ފޯނުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފަމުންދާ ކަމަށްވެއެވެ.
މިޢަމަލުތަކާ ގުޅިގެން 450 މީހަކު ފުލުހުންގެ ދަށަށް ގެނެވިފައިވާއިރު ފުލުހުންގެ 44 މީހަކުވަނީ ހަމަނުޖެހުން އުފައްދާ ޒުވާނުންގެ ހަމަލާތަކުގައި ޒަޚަމްވެފައެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އިނގިރޭސި ދާޚިލީ ވަޒީރާ ޓެރޭޒާ މާއި ވަނީފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންވަނީ އިޓަލީއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކެންސަލް ކުރައްވައި އެނބުރި ލަންޑަނަށް ވަޑައިގަތުމަށްފަހު ކުއްލި ޙާލަތާބެހޭ ސަރުކާރުގެ ކޮމިޓީ (ކޯބްރާ) ގެ ބައްދަލުވުމެއް ބާއްވާފައެވެ.
އިނގިރޭސިވިލާތުގައި ކުރިޔަށްދާ ހަމަނުޖެހުންތަކަކީ އިނގިރޭސި ސަރުކާރުން ގެންގުޅެން ފަށާފައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން އަތްމަތި ދަތިވެ ވަޒީފާ ގެއްލި ލިބޭއާމްދަނީ މަދުވުމާއި އިޖްިތިމާއީ އަދާލަތު ގެއްލެމުން ދިޔުމުގެ ސަބަބުން ފެށިގެން އުޅޭ ހަމަނުޖެހުންތަކެއް ކަމަށް ލަންޑަންގައި މިއަދު ނުކުތް ގިނަ ނޫސްތައް ސިފަކޮށްފައިވެއެވެ. (ބީ.ބީސީ)