ގާޒާ (ޑިސެމްބަރު 16): ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ހަތަރު މީހަކު މަރުވެ، 160 މީހުންނަށް އަނިޔާވެއްޖެ އެވެ.

އިއްޔެގެ ހުކުރު ނަމާދަށް ފަހު ކުރިއަށް ދިޔަ މުޒާހަރާތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައި ވަނީ ގާޒާގަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމުޒާހަރާގައި ބައިވެރިވި މީހުން ވަނީ ގާޒާ ސްޓްރިޕްގެ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ އިސްރާއީލުގެ ފުލުހުންނާ ދިމާލަށް ގާ އުކާފަ އެވެ. އޭގެ ސަބަބުން އިސްރާއީލްގެ ފުލުހުން ދިން ހަމަލާތަކުގައި 150 މީހަކު ޒަހަމްވެ، ދެ މީހަކު މަރުވި ކަމަށް ސިއްހީ ފަރުވާ ދިން ފަރާތްތަކުން ބުންޏެވެ.

ގުދުސް މައްސަލައިގައި ގާޒާގައި އިއްޔެ ބޭއްވި މުޒާހަރާގައި ބައިވެރިވި އިބްރާހިމް އަބޫ ތުރައްޔާ ވަނީ އިސްރާއީލް ފުލުހުން ދިން ހަމަލާއެއްގައި މަރުވެފައި -- ފޮޓޯ: ރޮއިޓާސް

އިއްޔެގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރެއިން އުމުރުން 29 އަހަރުގެ އިބްރާހިމް އަބޫ ތުރައްޔާ އަކީ އިސްރާއީލް ސިފައިން މީގެ ކުރިން ގާޒާއަށް ދިން ހަމަލާއެއްގެ ސަބަބުން ދެ ފައި ބުރިކޮށްލަން ޖެހިފައިވާ މީހެކެވެ. ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވަނީ ގާޒާގައި އިއްޔެ ބޭއްވި މުޒާހަރާގައި އޭނާ މަރުވެފައިވާ ކަން ޔަގީންކޮށްދީފަ އެވެ.

ގާޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ވެސް އިއްޔެ މުޒާހަރާތައްކޮށްފައިވެ އެވެ. އެމުޒާހަރާގެ ބައިވެރިންނާއި އިސްރާއީލް ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ފަލަސްތީނުގެ ދެ މީހަކު މަރުވެ، އިތުރު 10 މީހަކަށް އަނިޔާވެފައިވެ އެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިމަހުގެ ހަވަނަ ދުވަހެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގެނެވޭނެ އެންމެ ރަނގަޅުގޮތެވެ.

ނަމަވެސް ޓްރަމްޕްގެ އެނިންމެވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެމައްސަލާގައި ސުލްޙަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް "" ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)