16 Dec 2017, 09:46
ޕްރިންސެސް ޑަޔާނާގެ ދަރިކަލުން ޕްރިންސް ހެރީގެ ކައިވެނި އިއުލާނު ކުރި ހިސާބުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ އެ ކައިވެނި ކުރެވޭނެ ދުވަހެއް އިއުލާނު ކުރާނެ ވަގުތަކަށެެވެ.
އަންނަ ބަހާރު މޫސުމުގައި ޕްރިންސް ހެރީ އާއި ލޯބިވެރިޔާ މޭގަން މާކަލްގެ ކައިވެނި ކުރާނެ ކަމަށް އިއުލާނުކޮށްފައިވާ އިރު މި ކައިވެނީގެ ތާރީހު ވެސް މިހާރު މިވަނީ އިއުލާނު ކޮށްފަ އެވެ. އެއީ އަންނަ އަހަރުގެ މެއި 19 ވާ ހޮނިހިރު ދުވަހެވެ.
އާންމުކޮށް އިނގިރޭސި ޝާހީ އާއިލާގެ ކައިވެނިތައް ކޮށްފައި ވަނީ ހަފްތާ ބަންދާ ދިމާނުވާ ގޮތަކަށެވެ. އެގޮތުން ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީ ބުރާސްފަތި ދުވަހަކު އެވެ. އަދި ޕްރިންސް ވިލިއަމްގެ ކައިވެނި ކުރެއްވީ ހުކުރު ދުވަހަކު އެވެ. ޕްރިންސް ހެރީގެ ކައިވެނި ހޮނިހިރަކާ ދިމާވުމުން ޝާހީ އާއިލާގެ މި އާދަ ވެސް މިވަނީ ނިމުމަކަށް އައިސްފަ އެވެ.
ޕްރިންސް ހެރީ،33، އާއި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކަލް،36، ރަސްމީކޮށް އެންޖޭގްވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ކެންސިންޓަން ޕެލެސް އިން ބުނެ އެވެ.
ޕްރިންސް ހެރީގެ ކައިވެނި ތާވަލް ކޮށްފައި ވަނީ ޕްރިންސް ވިލިއަމްއަށް ތިން ވަނަ ދަރިކަލަކު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަށް ވުރެ އެއްމަސް ފަހަށެވެ.
ކެންސިންޓަން ޕެލެސް އިން ކުރި ޓުވީޓެއްގައި ބުނީ ޕްރިންސް ހެރީގެ ކައިވެނި މެއި 19ގައި އޮންނާނެ ކަމަށާއި ކައިވެނި ކުރައްވާނީ ސެއިންޓް ޖޯޖުގެވިންޑްސާ ކާސްލްގައި ކަމަށެވެ. ކައިވެންޏަށް ފަހު ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވާނީ ކެންސިންޓަން ޕެލެސްގައި ހުންނަ ނޮޓިންހަމް ކޮޓެޖްގަ އެވެ.
ކައިވެނީގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޝާހީ އާއިލާގެ ފަރާތުންނެވެ.
ބީބީސީ