15 Dec 2017, 21:33
ހދ. ކުޅުދުއްފުއްޓަށް މިއަދު އިރުއޮއްސުނު ވަގުތު ބާރު ގުގުރިއެއް ޖަހައި ހޮނު އެޅުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.
ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު "ސަން" އަށް ބުނީ މިރޭ އިރާކޮޅު އެ ރަށަށަށް އާދަޔާޚިލާފަށް ބާރަށް ގުގުރިއެއް ޖަހައި ބައެއްގޭގައި ގެންގުޅޭ ސާމާނުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. ހޮނު އެޅުމުން އެންމެ ބޮޑަށް ގެއްލުން ލިބުނީ އެރަށު ހުކުރު މިސްކިތަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިސްކިތުގެ ބައެއް ކަރަންޓް ސާމާނަށް ގެއްލުން ލިބިފައިމިވަނީ. އެގޮތުން ކަރަންޓް ކޭބަލްތައް ބަޑިޖަހައި އަދި ބޮކިތައްވެސް ބަޑިޖަހާފައިވަނީ،" އެމީހާ ބުންޏެވެ.
އެމީހާ ކިޔައިދިންގޮތުގައި ހޮނުއެޅުމުގެ ސަބަބުން މިސްކިތުގައި ޖަހާފައިހުރި މުށިތަކުން ބައެއް ހަލާކުވެފައެވެ. އެމީހާ ބުނީ މުށިތައް ބުރައިގެން ދިޔައީ އޭގެ ދަށުގައި އަޅާފައިވާ ކަރަންޓް ކޭބަލްތައް ދޮން ބޮޑުވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ.
އެވަގުތު މިސްކިތުގައި ހުރި ދެމީހަކަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިގެން ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"ދެމީހަކަށް ޒަޚަމްތަކެއް ލިބުނު ކަމުގެ މައުލޫމާތު ލިބެނީ. އޭގެން އެކަކީ މިސްކިތުގެ އިމާމު. އޭނާގެ މޫނަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިފަވަނީ،" އެމީހާ ކިޔައިދިނެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިރޭ ދިމާވި ހާދިސާއާ ގުޅިގެން ބައެއް ގޭގެއިން ކަރަންޓް ކެނޑީފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުއްޓަށް ހޮނުއަޅައި ގެއްލުންތަކެއް ވެފައިވާއި މިވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައި ވަނިކޮށެވެ.