09 Aug 2011, 15:12
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް، ދެ ވަނަ ބުރަށް ނިއު ރޭޑިއަންޓް ދަތުރުކޮށްފި އެވެ.
ޕޮލިސް ކުލަބާއި ވާދަކޮށް 3-0 އިން އިއްޔެގެ މެޗް ނިއުއިން ކާމިޔާބުކުރި އިރު، އެ ޓީމް އޮތީ ގްރޫޕް ބީގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ޖުމްލަ ހަ ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އީގަލްސް އެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި ވިކްޓަރީ އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕޮލިސް ކުލަބެވެ.
އިއްޔެ މެޗްގެ ފުރަތަމަ ލަނޑުޖަހާ ނިއުން ލީޑް ނެގީ މެޗްގެ 23 ވަނަ މިނެޓުގައެވެ. އެލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މޫސާ މަނިކު )ކުޑަމޫސަ( އެވެ. ނިއުގެ ދެ ވަނަ ލަނޑު ނިހާން ނަސީރު ކާމިޔާބު ކޮށްދިން އިރު، ނިއުގެ ތިން ވަނަ ލަނޑު ފަހު ހާފުގައި ކާމިޔާބުކޮށްދިނީ އަލީ ޝަމީމް )އައްޔަ( އެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާ އެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އޭ ފަޅިން ވާދަކުރާ ވެލެންސިއާ އާއި އޭވައިއެލް އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައި ޓާފް އެންނަންބަރު ދަނޑުގައެވެ.