15 Dec 2017, 17:16
ދިވެހި ސަރުކާރާެއި ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުން މުރާޖައާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގްރިމެންޓަކީ ގާނޫނާ ހިލާފަށް އަވަސްއަރުވާލައިގެން އެކުލަވާލާފައިވާ އެއްޗެއް ކަމަށާއި މަޖިލިސްތެރެއިން ވެސް ކަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރާއްޖޭގައި ދެން އަންނަ ސަރުކާރަކުން މި އެއްބަސްވުމަށް ބަދަލު ގެންނާނެކަން ޗައިނާ އިން ދަންނަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
The FTA with China was unlawfully rushed through parliament. Beijing should understand that a new Gov. will be forced to review it.
— Mohamed Nasheed (@MohamedNasheed)December 15, 2017
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ނަޝީދު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މި އެއްބަސްވުމުގެ ފައިދާ ރާއްޖެއަށް ވުރެ ބޮޑަށް ކުރާނީ ޗައިނާ އަށް ކަމަށެވެ.
ރާއްޖެއާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސަައީދާއި ޗައިނާގެ މިނިސްޓަރު އޮފް ކޮމާރސް ޒޮންގް ޝާން އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ފެށީ 2014 ވަނަ އަހަރު އެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަޝްވަރާތަކުގެ ހަތް ބުރެއް ބާއްވާފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 29ގައި ރުހުން ދީފަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.