16 Dec 2017, 09:40
މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމު "ލީނާ"ގެ ލީޑް އެކްޓްރެސް އަކަށް މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑް ބޮޑު ތަރި މަރިޔަމް އައްޒަ ހަމަޖެއްސީ އެ ރޯލަށް އެންމެ "ޕާފެކްޓް ޗޮއިސް" އަކީ އައްޒަ ކަމަށްވާތީ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފި އެވެ.
ލީނާ އިއުލާނު ކުރި ދުވަހުން ފެށިގެން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދިޔައީ ލީޑް އަންހެން ތަރިއަކަށް ހަމަޖައްސާނީ ކާކުތޯ އިއުލާނު ކުރާނެ ވަގުތަކަށެވެ. އަޒްލީނާގެ ރޯލަށް އައްޒަ ހަމަޖައްސާފައިވާ އިރު މުއާ ބުނީ ފިލްމުގެ 90 ޕަސެންޓް ކާސްޓުން ހަމަޖައްސާފައިވާ ކަމަށެވެ. ފިލްމުގައި ދެން ފެންނާނެ ތަރިން ވެސް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް މުއާ ބުންޏެވެ.
"ފިލްމުގެ ލީޑަށް އައްޒަ ޗޫސްކުރީ އައްޒަ އަށް އެ ރޯލު ޕާފެކްޓްކޮށް ކުޅެވޭނެތީ .މީގެ ކުރިންވެސް އައްޒައާ ޢެކު މަސައްކަތް ކުރެވިފައި ހުރީ. އައްޒަ އަކީ ވަރަށް ޑެޑިކޭޓެޑް ތަރިއެއް. ކާސްޓުން ނަގަނީ ދެ ގޮތަކަށް ބަލާފައި. އެއީ އެ މީހަކީ އޯޑިއަންސް އަށް ސެލް ކުރެވޭ މީހެއްތޯ އަދި އެމީހަކީ ޕާފޯމް ކުރެވޭ މީހެއްތޯ،" އައްޒައަކީ މި ދެކެޓަގީ އަށް ވެސް ފިޓްވާ ތަރިއެއް ކަމަށް މުއާ ބުންޏެވެ. "ދެ ގޮތަށް ބެލިއަސް އައްޒައަކީ މަށަށް އެންމެ ޕާސެކްޓް ޗޮއިސް، އައްޒަގެ އެ ކެޕޭސިޓީ އެބަހުރި،"
ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މިހާރު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މުއާ ބުންޏެވެ. އަދި އަންނަ ޖެނުއަރީގައި ފިލްމުގެ ޝޫޓިން ފަށައި، އަހަރު މެދާ ހަމައަށް ދިއުމުގެ ކުރިން ސްކްރީނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުއާ ބުންޏެވެ.
"މި ކިޔަނީ ޖެނުއަރީ 15 އާ 20 އާ ދޭތެރޭ ޝޫޓިން ފެށުމަށް. ފިލްމުގެ ޝޫޓިން ފާށާތާ ތިނެއް ނޫނީ ހަތަރު ހަފްތާ ތެރޭ ޝޫޓިން ނިންމާލެވޭނެ. ޕޯސްޓް ޕްރޮޑަކްޝަން އަށް ވަގުތު ދާނެ. އޭގެ ފަހުން އަންނަ އަހަރުގެ މެދާ ހަމައަށް ދިއުމުގެ ކުރިން އަޅުވާނަން،"
ލީނާ ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ފިލްމެއް ކަމަށް މުއާ ބުންޏެވެ.
"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ." ލީނާގެ އެއް ޕްރޮޑިއުސަރު މުއާ ބުންޏެވެ.
ލީނާ މި ފިލްމުން މުއާ ފެނިދާނެތޯ ސުވާލު ކުރުމުން މުއާ ބުނީ "އެއީ ސަޕްރައިޒެއް" ކަމަށެވެ.