އެއްވެސް މީހެއްގެ އަބުރާ ބެހުމަކީ ހަރާމްކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖެގައި އިއްވި ހުތުބާ ހާއްސަކޮށްފައި ވަނީ އިންސާނީ ހައްގުތަކުގެ މައްޗަށެވެ.

އެއްވެސް މީހެއްގެ ލޭ ހައްގު ނޫން ގޮތުގައި އޮހޮރުވުމާއި ނުހައްގުން އެހެންމީހެއްގެ މުދާ ކެއުމާއި އެއްވެސް މީހެއްގެ އަބުރާ ބެހުމަކީ ހަރާމްކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ނަފްސަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި އިންސާނާ ދިރިހުރި ހާލުގައި އޭނާގެ ލެޔާއި މުދަލާއި އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ހުތުބަގައި ފާހަގަކުރި އެވެ.

އިންސާނުންގެ ހައްގުތައް އިސްލާމްދީނުގައި ކަނޑައެޅިފައި ވަނީ ތައުހީދުގެ ފުރިހަމަ އުސޫލުގެ މަތިންކަމަށާއި އޭގެ މަތީގައި އިންސާނާގެ ހައްގުތައް ބިނާކުރައްވާފައިވާ ދެވަނަ ތަނބަކީ އިންސާނާގެ މާތްކަން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އިސްލާމްދީން އިންސާނާއަށް ބަލަނީ އޭނާގެ އިންސާނީ ހައިސިއްޔަތުން ކަމަށާއި ރަށަކަށް ކުލައަކަށް ނުބަލާ ކަަމަށް ހުތުބާގައި ފާހަގަކުރި އެވެ. އަދި މުއްސަންޖަކަސް ފަގީރަކަސް ތަފާތު ނުކުރާ ކަމަށާއި އިސްލާމްދީނުގައި މީސްތަކުންނަކީ އިންސާނީ ކަރާމާތުގައި ހަމަހަމަ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާމްދީން އައީ އިންސާނާގެ ހުރިހާ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށާއި އޭނާގެ މާޢްދީ ހައްގުތަކާއި ދުނިޔަވީ ހައްގުތައް އަދި އުހްރަވީ ހައްގުތަކާއި މާނަވީ ހައްގުތައް އަދި ބުއްދީގެ ހައްގުތައް ވެސް އިސްލާމްދީނުގައި ރައްކާތެރިކޮށްދޭ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.

އަދި މިއީ އިސްލާމީ ޝަރީއަތުގައި ރައްކާތެރިކޮށްދީފައިވާ ފަސް ޟަރޫރިއްޔާތުގެ ތެރޭ ހިމެނޭ ކަންތައް ކަމަށް ވެސް ހުތުބަގައި ބުނެފައިވެ އެވެ.