މޮސްކޯ(14 ޑިސެމްބަރު): ރަޝިއާއާ ދެކޮޅަށް އީޔޫއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އިސް ރޯލެއް އަދާކުރި އިނގިރޭސިވިލާތުން އެންމެފަހުން ރަޝިއާއިން ގޭސް ގަންނަން ފަށައިފިއެވެ.

ރަޝިއާއިން އާކްޓިކް ސަރަހައްދުގައި އަލަށް އިފްތިތާހު ކުރި 20 ބިލިއަން ޑޮލަރުގެ ޔަމާލް އެލްއެންޖީ ގޭސް ޕްރޮޖެކްޓުން އުފެއްދި ގޭސް ޝިޕްމަންޓެއް މިހާރުވެސް ވަނީ އިނގިރޭސިވިލާތުގެ ކެންޓުގެ އައިސެލްސް އޮފް ގްރެއިން އިންޕޯޓް ޓާމިނަލްއަށް ދިޔުމުގެ މަގުމަތީގައެވެ.

އިނގިރޭސިވލާތުގައި މި ދުވަސްވަރަކީ ފިނި މޫސުން ކަމަށްވާއިރު، ގަދަ ފިނީގެ ސަބަބުން އެގައުމުގެ ބައެއް ހިސާބުތަކުގައި ވަނީ ތިން ދުވަހަށް ސްކޫލުތައް ބަންދުކޮށްފައެވެ. އޭގެ އިތުރުން އޮސްޓްރިއާގެ ގޭސް ކާރުހާނާއެއް ގޮވުމުގެ ސަބަބުން ޔޫރަޕްގެ އެކި ހިސާބުތަކަށް ގޭސް ފޯރުކޮށްދިނުން މެދުކެނޑުމުގެ ސަބަބުން ގޭހުގެ އަގު ވަނީ ވަރަށް ބޮަޑަށް އުފުލިފައެވެ.

ނެދެލެންޑްސް އިން އިނގިރޭސިވާލާތަށް ގޭސް ފޯރުކޮށްދޭ، ބީބީއެލް ކުންފުނީގެ ކާރުހާނާގައި ދިމާވި މައްސަަލައަކާ ގުޅިގެން ވެސް ގޭސް ފޯރުކޮށްދޭ ވަރު ވަނީ މަދުވެފައެވެ. ނޯވޭގެ ސްޓޭޓް އޮއިލް ކުންފުނިންވެސް ވަނީ ދިމާވި މައްސަލަތަކާއެކު އިނގިރޭސި ވިލާތަށް ގޭސް ފޮރުކޮށްދޭ މިންވަރު މަދުކޮށްފައެވެ.

އެހެންކަމުން އިނގިރޭސިވިލާތަށް ވަނީ ރަޝިއާއިން ގޭސް އެތެރެކުރުމަށް މަޖުބޫރުވެފައެވެ. ރަޝިއާއަކީ ތެލާއި ގޭހުން ވަރަށް ބޮޑަށް މުއްސަނދި ވެފައިވާ ގައުމެކެވެ.

ރަޝިއާއިން ޔުކްރޭންގެ ކްރައިމިއާ ސަރަހައްދު އެގައުމުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށްފަހު ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުން އިޔޫއިން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެ ފިޔަވަޅުތައް އެޅުމުގައި އިނގިރޭސިވިލާތުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަަބަބުން ރަޝިއާއިން ޔޫރަޕަށް ގޭސް އެތެރެކުރުމަށް ހިންގަން އުޅުނު ގޭސްހޮޅިތަކުގެ ޕްރޮޖެކްޓުތައް ވެސް ވަނީ ހުއްޓިފައެވެ.

މައުލޫމާތު: ޕްރެސްޓީވީ